އިދިކޮޅު ޕީޕީއެމްގެ ވެރިކަމުގައި 2013 ވަނަ އަހަރުންފެށިގެން 2018ވަނަ އަހަރު ހިނގި އަނިޔާވެރި ވެރިކަމުން އެންމެ ޞަފްޙާއެއްވެސް އަލުން އިއާދަވާކަށް ބޭނުމެއް ނޫންކަމަށާ، މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދުކުރައްވައި އެމަނިކުފާނު އިންތިޚާބުކުރަން ބޭނުންފުޅުވާ އެންމެބޮޑު ސަބަބަކީ އެއީކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ޤާސިމް އިބްރާހީމްގެ ރަނިންމޭޓު ޑރ.އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ފުރަތަމަބުރުގައި ލިބިވަޑައިގެންނެވި ނާކާމިޔާބީއަށްފަހު ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާޢީދުނުކުރައްވަން ޤާސިމް އިބްރާހީމް ވަނީ ނިންމަވާފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ރަސްމީ ނިންމުމަކީވެސް އެއީއެވެ. އެހެންނަމަވެސް ޤާސިމްގެ ރަނިންމޭޓު ޑރ.އަމީން އިބްރާހީމާއި އެޕާޓީގެ ލީޑަރޝިޕްގެ ގިނަބަޔަކު ވަނީ އެމްޑީޕީއާ ގުޅި ރައީސް ޞާލިޙަށް ތާޢިދުކުރަން ނިންމާފައެވެ. އެކަން ހާމަކޮށް އެމީހުންވަނީ ރޭ އެމްޑީޕީން ބޭއްވި ކެމްޕެއިން ޙަރަކާތުގައި ބައިވެރިވެ ވާހަކަދައްކާފައެވެ.

ސޯސަން ޖަގަހާގައި ބޭއްވި ރެލީގައި ވާހަކަދައްކަވަމުން ޑރ.އަމީން އިބްރާހީމް ވިދާޅުވީ އަމާން ރާއްޖެ އަކަށް ދިއުމަށް ފޫގަޅައިގެން އެމްޑީޕީއާ ގުޅުނީ ހަގީގަތްތަކަކާ އެކުގައި ކަމަށެވެ. އެއީ ކުރީގެ އަނިޔާވެރިކަމުގެ އެންމެ ސޮފްހާ އެއްވެސް އަލުން އިއާދަވާން ބޭނުން ނުވާތީކަމަށް އަމީން ވިދާޅުވިއެވެ. އެ ބިރުވެރިކަމާއި ނާމާން ދުވަސްތައް އަލުން އިއާދަވާން ބޭނުން ނުވާކަމަށާ، އެއީ އެއްވެސް ޙާލަތެއްގައި ރާއްޖެއަށް ތަހައްމަލުކުރެވޭނެ ކަމެއް ނޫންކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ދެވަނަބުރުގައި ރައީސް ޞާލިހަށް ތާއީދުކުރެއްވީ ޙާލަތުގެ އަޅަކަށްވެގެން މަޑުން ހުންނެވުމަކީ ޤައުމަށް އެންމެ ފައިދާހުރިގޮތްކަމަށް ނުވާތީކަމުގައެވެ. އަދި ޖުމްހޫރީ ޕާޓީގެ ގިނަ ޢަދަދެއްގެ ބަޔަކު އެމްޑީޕީއާ ގުޅުމުން މިހާރު އެމްޑީޕީގެ ތިލަފަތް މިވަނީ ހަމަހަމަ ވެފައިކަމަށާ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފަޅިއަކީ ބޮޑުފަޅިކަމަށެވެ. އަދި މިފަޅީގެ ބޮޑުކަމާއި ބިޔަކަން ފެންނާނީ އެމްޑީޕީގެ އަސްލު ޖޯޝާއި ފޯރީގައި މަސައްކަތްކޮށްގެންކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އަސްލު ސައިޒަކީ މިފަހަރުގެ ރިޔާސީ އިންތިޚަބުގެ ފުރަތަމަ ބުރުގައި ލިބުނު ވޯޓު ނޫންކަމަށެވެ. ދިމާވި އެކިއެކި ސަބަބުތަކާހެދި އެގޮތަށް ނަތީޖާ ފެނުނަސް ޖުމްހޫރީ ޕާޓީން ރައީސް ޞާލިޙާ ގުޅުނު ގިނަ ޢަދަދެއްގެ މެމްބަރުންނާއެކު ތަފާތު ފެންނާނެކަމަށާ، ރައީސް ޞާލިޙަށް މި އިންތިޚާބު ކާމިޔާބު ކޮށްދެއްވޭނެކަމުގެ ޔަޤީކަން އެބައޮތްކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން