މިއަދު އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ ދެގޮތެއްކަމަށާ، އެއީ ރާއްޖޭގެ ވެރިކަން ޙަވާލުކުރާނީ ހަރުކަށި ފިކުރާއި ގޭންގުތަކާއި ގުޅުން އޮންނަ ޑރ.މުޢިއްޒާތޯ ނުވަތަ އޯގާތެރި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާތޯކަމަށާ، މިއީ ވަރަށް ސާފު ސުވާލެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ މަރަދޫގައި ބޭއްވި އެމްޑީޕީގެ ކަންމަތީ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިބްރާހީމް ޝަރީފް ވިދާޅުވީ ރާއްޖޭގެ މުސްތަޤުބަލް ބައްޓަންކުރުމަށްޓަކައި އަންނަ ހޮނިހިރުދުވަހު އޮންނަ މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އިންތިޚާބުކުރުން ލާޒިމްކަމަށެވެ. އަޅުގަނޑުމެންގެ ކުރިމަތީގައި މިއަދު އޮތީ އެންމެ ދެގޮތްކަމަށާ، އެއީ ވަރަށް ފަސޭހައިން ގޮތެއް ނިމޭނެ ދެގޮތެއްކަމަށެވެ. އެއީ އައްޑޫސިޓީއާއި މުޅި ރާއްޖޭގެ ތަޞައްވުރު ބަދަލުކޮށްލާނެ ޙާލަތެއް މެދުވެރިވެދާނެ ދެގޮތްކަމަށް ޝަރީފް ވިދާޅުވިއެވެ.

ވެރިކަމުގެ ދައުރެއް ނިމިގެންދާއިރު އެންމެހައި ރައްޔިތުން ބޭނުންވާ ހުރިހާކަމެއް ފުރިހަމަނުވެ އޮތުމަކީ އެކަށީގެންވާ ކަމެއްކަމަށާ، އެހެންނަމަވެސް ވޯޓުލާއިރު ބަލަންޖެހެނީ ޤައުމުގެ މުސްތަޤުބަލާއި ދަރިންގެ ދަރިންގެ މުސްތަޤުބަލަށްކަމަށް ޝަރީފް ވިދަޅުވިއެވެ.

ޝަރީފް ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒަށް ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފިނަމަ ރާއްޖެ ވެގެންދާނީ ރައީސް ޔާމީންގެ ސަރުކާރަށްވުރެވެސް އަނިޔާވެރި ސަރުކާރަކަށް ކަމަށެވެ. އަދި ޤައުމުގައި އެއަށްވުރެ މާބޮޑު ބިރުވެރިކަމާއި ނާމާންކަން އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރުވެސް އެކަމުގެ ކުލަވަރުތައް ފެންނަމުންދާކަމަށާ، ޑރ.މުޢިއްޒަށް ތާޢީދުކުރާ ޒުވާނުން މިހާރުވެސް މީހުންނަށް ބިރުދެއްކުމާއި އިންޒާރު ދެމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.

ޑރ.މުޢިއްޒަކީ ހަރުކަށި ފިކުރުގެ ބޭފުޅެއްކަމަށާ، ގޭންގް ސްޓާރުންގެ ތާޢީދު ޑރ.މުޢިއްޒަށް ބަރާބަރަށް އެބައޮތްކަމަށް ޝަރީފް ތުހުމަތުކުރެއްވިއެވެ. އެއީ ނާމާންކަމާއި ބިރުވެރިކަން އޮތްކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މިސަރުކާރު ބަދަލުވެއްޖެނަމަ އައްޑޫސިޓީއާއި މުޅި ރާއްޖޭގެ ތަރައްޤީ ހުއްޓިގެންދާނެކަމަށާ، ރާއްޖޭގެއާއި ބޭރުދުނިޔޭގެ ގުޅުންކެނޑި ރާއްޖެއަށް ނިކަމެތިކަން ލިބިގެންދާނެކަމަށް ޝަރީފް ތުހުމަތުކުރެއްވިއެވެ. އެއީ ޕީޕީއެމް/ޕީއެންސީން އަދި ޚުދު ޑރ.މުއިއްޒުވެސް އެވަޑައިގަންނަވަނީ އިންޑިއާ އުއުޓު ގޮވަމުންކަމަށާ، އިންޑިއާއާއި ގުޅުން ކެނޑުމަކީ ރާއްޖެއަށް ނިކަމތިކަމާއި ފަޤީރުކަން ކުރިމަތިވާނެކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ހޮނިހުރިދުވަހު ނުކުމެ ރައީސް ޞާލިޙު އިންތިޚާބުކުރުމަށް ރައްޔިތުންނަށް އޭނާ ގޮވާލެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން