މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައިވެސް ގައުމަށާއި ރައްޔިތުންނަށް އޮތް އެންމެ ރަނގަޅުގޮތަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކަމަށް ޕްރޮފެސަރު ޙަސަން އުގައިލް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙްގެ ސަރުކާރު ބަދަލު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް އުގައިލް ތާޢީދު ކުރަށްވާފައިވަނީ ރައީސް ޞާލިޙަށެވެ.

އުގައިލް މީސްމީޑިއާ މެދުވެރި ކުރަށްވައި ދިވެހި ރައްޔިތުންނަށް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި ވެސް އެބޭފުޅާގެ ތާއީދު އޮތީ ރައީސް ޞާލިޙަށް ކަމަށެވެ. އަދި އެއީ ގައުމަށާއި ރައްޔިތުންނަށް މިވަގުތު އޮތް އެންމެ ރަނގަޅު ގޮތް ކަމަށް އުގައިލް ވިދާޅުވިއެވެ.

ހަމައެއާއެކު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަކީ މިހާރު ރާއްޖެގައި ސިޔާސީގޮތުން އޮތް އެންމެ ހަރުދަނާ އަދި ތަޖްރިބާކާރު ޕާޓީކަމަށްވެސް އުގައިލް ވިދާޅުވިއެވެ. އެހެންކަމުން ޑިމޮކްރަސީގެ އުސޫލުތަކާއި އަސާސްތަކަށް ތާއީދު ކުރާ ފަރުދެއްގެ ހައިސިއްޔަތުން އުގައިލްގެ ވޯޓު ދޭން ބޭނުންވަނީ އެމްޑީޕީއަށް ކަމަށް އުގައިލްގެ މެސެޖުގައި ވެއެވެ.

"މިއީ އަޅުގަނޑުގެ ނިންމުން. އަޅުގަނޑުގެ މިނިންމުމާ ގުޅިގެން ބައެއް ފަރާތްތަކުން އަޅުގަނޑަށް މަލާމާތާއި ފުރައްސާރަ ރައްދުކުރާނެކަން ވެސް އެނގޭ." އުގައިލް ވިދާޅުވިއެވެ.

އޭގެ އިތުރުން މި ނިންމުމާ ގުޅިގެން އެކި ފަރާތްތަކުން އުގައިލްގެ ބޮލުގައި ފާޑުފާޑުގެ ދޮގު އިލްޒާމްތައް އަޅުވާނެކަން އެނގޭ ކަމަށާއި، އެހެންނަމަވެސް ސަރުކާރުން ނުވަތަ ވެރިއެއްގެ ފަރާތުން އަމިއްލަގޮތުން ބޭނުންވާ އެއްވެސް އެއްޗެއް ނެތް ކަމަށް އުގައިލް ވިދާޅުވިއެވެ.

"އަޅުގަނޑަކީ ހަލާލުގޮތުގައި ހޯދާ ފައިސާއާއި މުދަލުން އަޅުގަނޑާއި އަޅުގަނޑުގެ އާއިލާގެ ދިރިއުޅުން ސާދާގޮތުގައި ތަރުތީބުކުރަމުން ކުރިއަށްދާ މީހެއް. މިހަގީގަތް ހެޔޮވިސްނޭ ދިވެހި ފަރުދުންނަށް ރަނގަޅަށް އެނގި ވަޑައިގަންނަވާނެ." އުގައިލް ވިދާޅުވިއެވެ.

ހަމައެއާއެކު އޭނާއަކީ އަބަދުވެސް ގައުމާއި ދިވެހި ރައްޔިތުންގެ ހައްގުގައި އަމިއްލަ އެދުމުން އެއްކިބާވެ ހުރެ ބަސްބުނާ މީހެއްކަން ހެޔޮވިސްނޭ ހުރިހާ ދިވެހިންނަށް އެނގޭންކަމަށްވެސް އުގައިލް ވިދާޅުވިއެވެ.

ޕްރޮފެސަރ ޙަސަން އުގައިލް މިމޭރުމުން ވިދާޅުވެފައިވާއިރު ހޮނިހިރު ދުވަހު އޮންނަ އިންތިޚާބު ފަސޭހަކަމާއެކު ކާމިޔާބު ކުރަށްވާނެ ކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން