ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގެ ޥޯޓާސް ލިސްޓުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުން މާދަމާ އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިކަން ހާމަކޮށްފައިވާއިރު، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާންމު ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.

އީސީން ބުނީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓުގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުސަތު ހުޅުވާލާނީ މާދަމާ ހެނދުނު 9:00 އިން ހަވީރު 4:00ގެ ނިޔަލަށް ކަމަށެވެ.

"ސޮއިކުރުމަށް ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ އިންތިހާބާބެހޭ މަރުކަޒު، ދަރުބާރުގޭގަ." އީސީން ހާމަކޮށްފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ލިސްޓުގައި ސޮއިކުރަން ވަޑައިގަންނަވާނަމަ އެކަން ބަޔާންކޮށް ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭ ގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއަކާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންނަން ޖެހޭނެ ކަމަށެވެ. އަދި ރަޖިސްޓަރީގައި ސޮއިކުރަން ވަޑައިގަންނަވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންޖެހޭނެ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުދިނުމުގެ ހައްގު 282،803 މީހަކަށް ލިބިފައިވާކަމަށް އީސީން މަޢުލޫމާތުދެއެވެ. އިންތިޚާބުގެ ދެވަނަބުރަށް ރީ-ރަޖިސްޓަރީ ކުރަން ހުށަހެޅި ފޯމުތަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން ހުޅުވާލި 48 ގަޑިއިރުގެ ތެރޭގައި 361 ޝަކުވާ އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށައަޅާފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އިންތިހާބު ބާއްވާ ތާރީހަށް 18 އަހަރު ފުރިގެން އަލަށް ވޯޓުލެވޭ 408 މީހުން ހިމެނޭ ކަމަށް އީސީން ވަނީ ބުނެފައެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ލާފައި ވަނީ 79.6 އިންސައްތަ މީހުންނެވެ.

ސެޕްޓެމްބަރ 30 ވަނަ ދުވަހު އޮންނަ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރަށްވާނީ ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒު އާއި، އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން