ޑރ. މުޢިއްޒުފަދަ ޢިލްމީ ބޭފުޅެއްގެ ވެރިކަން ދެކިލަން ބޭނުންވާ ކަމަށް އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ)ގެ ރައީސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ދީނީ ޢިލްމުވެރިޔާ ޑރ. ޝަހީމް މިމޭރުމުން ވިދާޅުވެފައިވަނީ މީސް މީޑިއާގައި މިއަދު ޢާއްމު ކުރެއްވި މެސެޖެއްގައެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ދަތުރުކޮށްފައިވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒަކީ މުރާލި ހިންގުންތެރި ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަކީ އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިއްތަވާ އިލްމީ ބޭފުޅެއްކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް ދެކެން ބޭނުންވާ ދުވަހެއް ޒަމާނީ ތަޢުލީމުގެ އެންމެ އުސް ހަރުފަތަށް ވާސިލުވެފައިވާ މިފަދަ ބޭފުޅެއް ރާއްޖޭގެ ރައީސް ކަމުގައި ހުންނަވާތަން." ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. މުޢިއްޒުގެ ކެމްޕޭނުގައި އިސްކޮށް އުޅުއްވާ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މީގެ ކުރިންވަނީ ޤައުމުގެ ޒުވާނުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު އާއެކު ތެދުވަންޖެހޭ ކަމަށާއި އެމަނިކުފާނަކީ ވޭތުވެ ދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖެއަށް އައި އުމްރާނީ ތަރައްގީގެ އެއް މޭސްތިރިޔާ ކަމަށްވެސް ވިދާޅުވެފައެވެ.

"ވިލާތުން، ޕީއެޗްޑީ ހައްދަވާފަ، ރައީސް ޔާމީން އެންޑޯޒް ކުރެއްވީމަ ނުޖެހޭ ޗުކުުޗުކު ލައްވާކަށް، އެހެންވީމަ އިލްމަށް އިހުތިރާމު ކުރުމުގެ ގޮތުން އެބަޖެހޭ، ޑރ. މުއިއްޒާއިއެކު ކުރިޔަށް ދާން،" ޑރ. މުޢިއްޒަށް ތަޢުރީފް ކުރަށްވަމުން ޑރ. ޝަހީމް މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ސެޕްޓެމްބަރ 30 ވަނަ ދުވަހު އޮންނަ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރަށްވާނީ ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒު އާއި، އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން