ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ދޭތެރޭ އެންމެ ފަހުރުވެރިވާ ލެގަސީއަކީ ނަރުދަމާގެ ނިޒާމް ރަނގަޅުކުރުމުގެ ވައުދު ފުއްދެވުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޖީހާން ވިދާޅުވީ ރައީސްގެ މި ލެގަސީއަކީ އެމަނިކުފާނާއި ދޭތެރޭ އަބަދުވެސް ފަހުރުވެރިވާން ޖެހިވަޑައިގަންނަވާނޭ ކަމެއް ކަމަށެވެ. އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ޖީހާން ވިދާޅުވީ ރައީސް ޞާލިޙުގެ ވެރިކަމުގައި އިންސާނީ ޙައްޤުތައް ވަރަށް ބޮޑަށް ކަށަވަރު ކުރެވިއްޖެ ކަމަށެވެ.

އެގޮތުން އަތޮޅުތެރޭގެ ބައެއް ރައްޔިތުންނަށް ސާފު ބޯފެނުން ފެންވެރުމުގެ ފުރުޞަތު ލިބުމުގެ އަސާސީ ޙައްޤުން މަހުރޫމްވުމުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަށް ރައީސް ޞާލިޙު އިސްކަމެއް ދެއްވިކަން ޖީހާން ފާހަގަކުރެއްވިއެވެ. އަދި މީގެ ކުރީގައި ވެރިކަން ކުރި އެއްވެސް ސަރުކާރަކަށް ފެންވަރައިގެން ފާހާނާ ކުރުމުގެ ނިޒާމު ރަނގަޅުކުރުމަށް އެކަށޭނަ މަސައްކަތެއް ނުކުރެވޭ ކަމަށްވެސް އޭނާ ޖީހާން ވިދާޅުވިއެވެ.

"މީގެ ކުރިން އަތޮޅުތެރޭގެ ބައެއް ރައްޔިތުންނަކީ ނަޖިސް ފެނުން ފެންވަރައިގެން ފާހަނާ ކުރާނެ ރަނގަޅު ނިޒާމެއް ނެތި ތިބި ބައެއް. އެކަަމަކު ރައީސްގެ މި ވެރިކަމުގެ ލެގަސީ އަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ސާފު ބޯފެނާއި ނަރުދަމާ ޤާއިމްކޮށްދެއްވި ރައީސް އަކީ އެއީ. އެތައް ވެރިކަމެއް ގޮއްސި. އެއީ އެންމެ ބޭސިކް ދެއްތޯ؟ އެކަމުގެ ފަޚުރު އަޅުގަނޑުމެން ރައީސާއި ދޭތެރޭގައި އަބަދުވެސް ވާނަން." ޖީހާން ވިދާޅުވިއެވެ.

ރައީސް ޞާލިޙާއި އާއިލީގޮތުން ގާތް ގުޅުމެއް އޮންނަ ޖީހާން ވަނީ އިދިކޮޅު ލީޑަރޝިޕްގެ ބައެއް ވާހަކަތަކަށް ރައްދު ދެއްވާފައެވެ. ޖީހާން ވިދާޅުވީ ނަރުދަމާގެ ނިޒާމް ރަނގަޅުކުރުމަކީ އެހާ ބޮޑު ކާމިޔާބީއެއް ނޫން ކަމަށް ދެކެވަޑައިގަންނަވާ ފަރާތްތަަކަށް ރައްޔިތުންގެ ބޭނުންތައް އިހުސާސް ނުކުރެވޭ ކަމަށެވެ.

މީގެ އިތުރަށްވެސް، ޖީހާން ވަނީ މި ސަރުކާރުން އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ކޮށްދިން އެހެން މަސައްކަތަކަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން، އަތޮޅުތެރޭގެ ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ޑީޓޮކްސިފިކޭޝަން ޚިދުމަތް ހޯދުމަށް މާލެއަށް ދަތުރުނުކޮށް އަތޮޅު ތެރެއިން އެ ޚިދުމަތް ހޯދުމަށް މަގުފަހިކޮށްދިނުމާއި ނަފްސާނީ ޚިދުމަތް އާސަންދައިގެ ދަށުން ކަވަރ ކުރެވޭނެ އިންތިޒާމް ހަމަޖެއްސެވިކަން ޖީހާން ފާހަގަކުރެއްވިއެވެ. އަދި އެ މަސައްކަތުގެ ތެެރެއިން ނޭޝަނަލް މެންޓަލް ހެލްތް ޑިޕާޓްމަންޓް އުފެއްދީވެސް އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން ކަމުގައި ޖީހާން ވިދާޅުވިއެވެ.

އަދި ހަމައެއާއިއެކު، މި ސަރުކާރަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި އަންހެން ބޭފުޅުންނަށް ދައުލަތުގެ އިސް މަގާމުތައް އެންމެ ބޮޑުކޮށް ފަހިކޮށްދިން ސަރުކާރު ކަމަށް ޖީހާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން