ޕީއެންސީގެ ރިޔާސީ ކެންޑީޑޭޓު ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ވެގެން ދާނީ ރާއްޖޭގެ ތާރީހް ދެކޭ އެންމެ އަދުލުވެރި ވެރިކަމަށް ކަމުގައި އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ)ގެ ރައީސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ދީނީ ޢިލްމުވެރިޔާ ޑރ. ޝަހީމް މިމޭރުމުން ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެންޕެއިނަށް ޑރ. މުޢިއްޒު ލ. އަތޮޅަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ދަތުރުކޮށްފައިވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒަކީ އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިއްތަވާ އިލްމީ ބޭފުޅެއްކަމަށެވެ. އަދި ޑރ. މުޢިއްޒަކީ އެއްވެސް ބޭފުޅަކަށް އަނިޔާއެއް ދެއްވާނެ ބޭފުޅެއް ނޫން ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

"ޑރ. މުއިއްޒުގެ ވެރިކަމަކީ ތާރީހުގައި ދެކޭނެ އެންމެ އަދުލުވެރި، އެންމެ އިންސާވެރި ވެރިކަމަށް ވެގެންދާނެކަން ޔަގީން." ޑރ. ޝަހީމް ވިދާޅުވިއެވެ.

އެހެންކަމުން ޒުވާން ޖީލާއި، ކުޑަކުދިންގެ މުސްތަގްބަލް ސަލާމަތްކުރުމަށްޓަކައި ޑރ. މުޢިއްޒަށް ތާއީދު ކޮށްދިނުމަށް ޑރ. ޝަހީމް ވަނީ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ޑރ. މުޢިއްޒުގެ ކެމްޕޭނުގައި އިސްކޮށް އުޅުއްވާ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މީގެ ކުރިންވަނީ ޤައުމުގެ ޒުވާނުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު އާއެކު ތެދުވަންޖެހޭ ކަމަށާއި އެމަނިކުފާނަކީ ވޭތުވެ ދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖެއަށް އައި އުމްރާނީ ތަރައްގީގެ އެއް މޭސްތިރިޔާ ކަމަށްވެސް ވިދާޅުވެފައެވެ.

"ވިލާތުން، ޕީއެޗްޑީ ހައްދަވާފަ، ރައީސް ޔާމީން އެންޑޯޒް ކުރެއްވީމަ ނުޖެހޭ ޗުކުުޗުކު ލައްވާކަށް، އެހެންވީމަ އިލްމަށް އިހުތިރާމު ކުރުމުގެ ގޮތުން އެބަޖެހޭ، ޑރ. މުއިއްޒާއިއެކު ކުރިޔަށް ދާން،" ޑރ. މުޢިއްޒަށް ތަޢުރީފް ކުރަށްވަމުން ޑރ. ޝަހީމް މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ސެޕްޓެމްބަރ 30 ވަނަ ދުވަހު އޮންނަ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރަށްވާނީ ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒު އާއި، އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން