ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަކީ އަބަދުވެސް ގަދަ ކަނޑުގައި ދަތުރުކޮށް ކާމިޔާބު ހޯދާ ޕާޓީއެއްކަމަށާ، އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަބުރު ކާމިޔާބުކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އެޕާޓީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ އެމްޑީޕީއާއެކު ކޯލިޝަން ހަދައިގެން މިއިންތިޚާބުގައި ކުރިއަށްދިޔަ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަސްންސް (އެމްޑީއޭ) ކުއްލިއަކަށް ކޯލިޝަން ރޫޅާލައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒަށް ތާޢީދުކުރަން ނިންމުމާ ގުޅިގެންނެވެ. ފައްޔާޒް ވަނީ އެމްޑީއޭގެ ނިންމުމަށް އިޙްތިރާމްކުރާކަމަށް ވިދާޅުވެފައެވެ. އަދި މިހާތަނަށް އެކުގައި ކުރެވުނު މަސައްކަތަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

ފައްޔާޒް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ގަދަ ކަނޑުގައި ދަތުރުކޮށް ކުރިހޯދާ ޕާޓީއެއްކަމަށެވެ. އަދި މިއީ ބަލިކޮށްނުލެވުނު ހިތްވަރެއްކަމަށާ، ގުޑުވާނުލެވުނު ޢަޒުމެއްކަމަށެވެ. އެހެންކަމުން އެމްޑީޕީ އަބަދުވެސްދާނީ ބާރަށްކުރިއަށްކަމަށް ފައްޔާޒު ވިދާޅުވިއެވެ.



މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދީ ޢަދާލަތު ޕާޓީއާއި އެމްޑީއޭއެެވެ. ޢަދާލަތަކީ މިދިޔަ ރިޔާސީ އިންތިޚާބުއްސުރެ އެމްޑީޕީއާއެކު ކޯލިޝަންހަދައިގެން މަސައްކަތްކުރަމުން އަންނަ ޕާޓީއެކެވެ. މިދިޔަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދި ޕާޓީތަކުގެ ތެރެއިން ކޯލިޝަން ދެމެހެއްޓި ހަމައެކަނި ޕާޓީއަކީވެސް އެއީއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އަލަށް އެމްޑީޕީއާ ކޯލިޝަން ހެދި އެމްޑީއޭ ވަނީ ރޭގެ ވަގުތެއްގައި ކުއްލިއަކަށް ކޯލިޝަން ރޫޅާލައި އިދިކޮޅު ކެންޑިޑޭޓަށް ތާޢިދުކުރަން ނިންމާފައެވެ. މިއާއެކު އެމްޑީއޭގެ ބައެއް މެމްބަރުން ވަނީ އެޕާޓީންވަކިވެ ރައީސް ޞާލިޙާއެކު ކުރިއަށްދާން ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން