އަހުމަދު ޝާހް   27 ސެޕްޓެމްބަރު 2023 - 16:45
ޢަދާލަތު ޕާޓީ އޮތީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއެކު ގަދަކޮށް ކަމަށް އެޕާޓީން ހާމަކޮށްފިއެވެ.

ރިޔާސީ އިންތިޚާބަށް ރައީސް ޞާލިޙަށް ތާޢީދު ކުރުމަށް ނިންމުމަށްފަހު ސަންސިޔާމްގެ އެމްޑީއޭއިން އެންމެ ފަހުވަގުތު އެ ތާޢީދު އަނބުރާ ގެންގޮސްފައިވާތީ ޢަދާލަތު ޕާޓީ އެމްޑީޕީއާއެކު ދެމިއޮވެދާނެ ކަމާމެދު ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

އެކަމާ ގުޅިގެން ފާޑުކިޔާ ފަރާތްތަކަށް ރައްދު ދިނުމަށް ޢަދާލަތު ޕާޓީން އާއްމުކުރި މެސެޖެއްގައި ބުނެފައިވަނީ، ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދުކުރުންމަތީ ޢަދާލަތު ޕާޓީއިން ސާބިތުކަމާއެކީ ދެމިއޮތް ކަމަށެވެ.

"މާތް ﷲ ގެ އިރާދަފުޅާއެކު މި އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އެމްޑީޕީއާއި ރައީސް ޞާލިޙަށް ތާޢީދުކުރައްވާ އެންމެހާ ފަރާތްތަކާއެކުގައި މި ޕާޓީއިން ކުރާނެވާހަކަ ދެންނެެވީމެވެ." ޢަދާލަތު ޕާޓީން ނެރެފައިވާ ބަޔާނުގައިވެއެވެ.

މިކަމުގައި ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ ވިދާޅުވެފައިވަނީ ޢަދާލަތުން ރައީސް ޞާލިޙާއެކު ނިކުމެތިބީ ގައުމާ ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އަދި މިއިންތިޚާބު ކުރާނެކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ ޑރ. މުއިއްޒު އެވެ. މުއިއްޒަށް ވަނީ 101،635 ވޯޓް ލިބިވަޑައިގެންފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވި ރައީސް ޞާލިޙަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން