ބޯހިޔާވަހިކަމަށް ބޭނުންވާ ފަރާތްތަކަށް ދޫކުރާ ހައުސިން ލޯނުގެ ކަންކަމުގައި ޕެންޝަން ފަންޑުން ބޭނުންކުރެވެން ޖެހޭނީ ހަމައެކަނި މާލެ ސަރަހައްދުގެ ހައުސިންއަށް އެކަނި ނޫންކަމަށާ، މުޅި ރާއްޖެއަށްވެސް އެފުރުސަތު ހުޅުވާލައްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރޭ ގދ. ތިނަދޫގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، މިހާރު ހައުސިން ލޯނަށް އެދޭ އާންމު ރައްޔިތުންގެ ތެރެއިން ލޯނުގެ ކަންކަމުގައި ޕެންޝަން ފަންޑުގެ ބޭނުންކުރެވެނީ ހަމައެކނަި މާލޭ ސަރަހައްދުގައި އެކަނިކަމަށެވެ. މިގޮތަށް ޚަރަދު ކުރެވޭގޮތަށް ހަމަޖެހިފައި އޮތް އޮތުމަށް ބަދަލު ގެނެންނަވާނެކަމަށެވެ. އަދި އަތޮޅު ތެރޭގެ ރައްޔިތުނަށްވެސް ބޯހިޔާވަހިކަމަށް ބޭނުންވާ ލޯން ކަށަވަރު ކުރުމަށް ޕެންޝަން ފަންޑުގެ ބޭނުން ކުރެވޭގޮތް ހަމަޖައްސަވާ ދެއްވާނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ރައްޔިތުނަށް ގޯއްޗާއި ރޯހައުސް ދޭވާހަކަ ދައްކާއިރު މިއަދު ރައްޔިތުންނަށް އޮތް އެންމެ ބޮޑު ދަތިކަމަކީ އެތަންތައް ހެދުމަށް ބޭނުންވާ ފައިސާގެ ދަތިކަންކަމަށެވެ. އެހެންކަމުން އެ ދަތިކަން ޙައްލުކޮށްދެއްވުމަކީ އެމަނިކުފާނު ކުރައްވާނެކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޕެންޝަން ފަންޑުން ހައުސިންއަށް ބޭނުންކުރެވޭނެ ގޮތްވުމަކީ ރައްޔިތުންގެ ވަރަށްބޮޑު އެދުމެއް ކަމަށާ، ހަމަހަމަކަމާއެކު ހުރިހާ ރައްޔިތުންނަށް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގެ ހައުސިންއަށް ބޭނުންކުރެވޭގޮތަށް އެކަން ހަމަޖައްސަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މިހާރު އޮންނަގޮތުން މާލޭ ސިޓީގައި ޕެންޝަން ފަންޑު ބޭނުން ކޮށްގެން ހައުސިން ލޯނު ހޯދޭގޮތް ހަމަޖެހިފައި އެބައޮތްކަމަށާ، ހަމަ އެއުސޫލު ތިނަދޫ ސިޓީއާއި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ރައްޔިތުންނަށް، ހައުސިންއަށް ބޭންކުން ލޯނު ހޯދުމަށްޓަކާ ބޭނުން ކުރެވޭނެ އުސޫލު ހަމަޖައްސަވައި ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން