ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި އިލްޔާސް ލަބީބު ގިނަ ޢަދަދަކަށް ވޯޓު ހޯއްދެވުމަކީ އެ ބޭފުޅާގެ ކުޅަދާނަކަން ކަމުގައި ޑިމޮކްރެޓްސްގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އޮންލައިން މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ނަޝީދާ ޙަވާލާދީ ބުނެފައިވަނީ އެއްވެސް އިރެއްގައި އެމަނިކުފާނަކީ މާ ނުފޫޒުގަދަ ނޫންނަމަ މާބޮޑު ބާރެއް އޮތް މީހެއްގެ ގޮތުގައި ދެކެނުލައްވާ ކަމަށެވެ. އެގޮތުން ރިޔާސީ އިންތިޚާބުގައި އިލްޔާސް ހޯއްދެވި ވޯޓަކީ އެބޭފުޅާގެ ކުޅަދާނަކަމުން ހޯއްދެވި ވޯޓުކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު ޒުވާން އުމުރުގައި ރިޔާސީ އިންތިޚާބެއްގައި ވާދަކުރަށްވައި އިލްޔާސް ލަބީބު 3 ވަނައަށް ދިއުމަކީ ފައިސާ އާއި ނުފޫޒާއި ނާޖާއިޒު އެތައް ކަމެއްގެ ތެރޭގައި ހޯއްދެވި ބޮޑު ކާމިޔާބެއްގެ ގޮތުގައި ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. އިންތިޚާބުގައި އިލްޔާސަށް ލިބިފައިވަނީ 15،839 ވޯޓެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ހަޔާތުގައި އިސްލާހީ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި ޒުވާން ޖީލަށް އަލުން އެ މަސައްކަތް ކުރަން ނުޖެހޭނެކަމަށެވެ. އަދި މިއަދު ޒުވާނުންނަށް ސިޔާސީ ދާއިރާގައިި ފުރުސަތުދޭންޖެހޭކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން ރާއްޖޭގެ ސިޔާސީ މަސްރަޙު ބިނާވެފައިވާ ގޮތުން ޑިމޮކްރެޓުންގެ ފަރާތުން ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވާދަކުރެއްވިނަމަ މާރަނގަޅު ނަތީޖާއެއް ނެރުއްވޭނެ ކަމަށް ޤަބޫލުކުރަށްވާ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އެމަނިކުފާނަކީ ވަކި އުސޫލުތަކާއި ހަމަތަކެއް ހިފަހައްޓަވަން މަސައްކަތް ކުރައްވާ ބޭފުޅެއްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަބުރު އަންނަ ހޮނިހިރުދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ރައީސް ނަޝީދުގެ ޑިމޮކްރެޓްސް ޕާޓީން ނިންމާފައިވަނީ ރަސްމީގޮތުން އެއްވެސް ކެންޑިޑޭޓެއް އެންޑޯޒް ނުކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން