މާޒީގައި އޮތް އަނިޔާވެރިކަމަށް ދާން ބޭނުންނުވާ ރައްޔިތުން ގިނަ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ފަޒްނާ މިއަދު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގެ ކެމްޕޭނުގައި ގިނަ ބަޔަކާ ބައްދަލުވެ ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އެގޮތުން ކުރީގެ އަނިޔާވެރިކަމަށް ދާން ބޭނުންނުވާ ކަމަށް ގިނަ ބަޔަކު ބުނެފައިވާ ކަމަށް ފަޒްނާ ވިދާޅުވިއެވެ.

ފަޒްނާ ވިދާޅުވީ، ފުރަތަމަ ބުރުގައި ރައީސް ޞާލިޙަށް ވޯޓު ނުދޭ ފަރާތްތަކާއި، ވޯޓުލާން ނުގޮސް ތިބި މީހުން އެއްބަސްވާ އެއްކަމެއް އޮންނަ ކަމަށާއި އެއީ ރައީސް ޞާލިޙްގެ ކެތްތެރިކަމާއި ރިވެތި އަޚްލާޤު ކަމަށެވެ. ހަމައެއާއެކު ރައީސް ޞާލިޙަކީ އަނިޔާވެރި ނުވާނެ އަދި ކޮރަޕްޓް ނޫން ބޭފުޅެއްގެ ގޮތުގައި އެންމެންވެސް ފާހަގަކުރާ ކަމަށް ފަޒްނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙާ ދެކޮޅަށް ވޯޓުދިން ގިނަ މީހުންނަކީ ކޮންމެވެސް އަމިއްލަ މަޞްލަޙަތަކަށްޓަކައި އުފެދިފައިވާ ހިތްހަމަނުޖެހުން ތަކެއްގެ ސަބަބުން އެމަނިކުފާނާއި ދެކޮޅަށް ވޯޓުދިން ބައެއް ކަމަށާއި އެހެންކަމުން ސަރުކާރުން ފުއްދައިދީފައިވާ ވައުދުތަކަށް ބެލުމަށް ފަޒްނާ ވަނީ އެދިވަޑައިގެންފައެވެ.

އޭގެއިތުރުން ފަޒްނާ ވިދާޅުވީ، އިދިކޮޅުގައި ހުންނައިރު ކޮންމެ ވައުދެއް ވުމަކީވެސް ފަސޭހަކަމެއް ކަމަށެވެ. އެހެންކަމުން މާޒީގެ ޙަޤީޤަތްތަކުގެ މައްޗަށް ބުރަވެ ވޯޓުލުމަށް މި ލިބޭ ފުރުސަތު ގެއްލުވާ ނުލުމަށް ފަޒްނާ ވަނީ އެންމެހާ ރައްޔިތުންގެ އަރިހުން އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން