އަހުމަދު އިބްރާހިމް   30 ސެޕްޓެމްބަރު 2023 - 14:51
މިއަދު ކުރިއަށްދާ މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައިވެސް ވޯޓުލުމަށް މިހާރު ކަނޑައަޅާފައިވާ ވަގުތު އިތުރުކުރަން ނިންމާފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މީގެކުރިން ބޭއްވި ގިނަ އިންތިޚާބުތަކުގައި ވަރަށްގިނަފަހަރު ވޯޓުލާ ގަޑި އިތުރުކޮށްފައިވެއެވެ. އެހެންހަދާފައިވަނީ ގިނަބަޔަކު ފަހުވަގުތު ވޯޓުލާން މަޑުކޮށް ވޯޓުފޮށިތައް ބަންދުކުރާ ވަގުތާހަމައަށްދާއިރު ވޯޓުނުލާ މީހުން ގިނަޢަދަދަކަށް ތިބޭތީއެވެ. އެހެންނަމަވެސް މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް ވަގުތު އިތުރުކޮށްފައެއް ނުވެއެވެ. އަދި ދެވަނަ ބުރުގައިވެސް ވަގުތު އިތުރުނުކުރާގޮތަށް ވަނީ ހަމަޖައްސާފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބުރައީސް އިސްމާއިލް ހަބީބު ވިދާޅުވީ މިއަދު ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 ން ހަވީރު 5:00 އަށް ކަމަށެވެ. އެ ވަގުތު ހަމަވުމުން ވަގުތު އިތުރު ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ވޯޓު ފޮށިތައް ބަންދުކުރާ ގަޑިޖެހޭއިރު ވޯޓުލުމަށްގޮސް ކިއުގައި ބަޔަކު ތިބިނަމަ އެބަޔަކަށް ވޯޓުލެވޭނެއެވެ.

މިއަދު ހެނދުނު 7:30 ން ފެށިގެން ވޯޓުލުމަށް މީހުން ކިޔުހަދަން ފަށައިފިއެވެ.

މި ބުރުގައި ޖުމްލަ 282804 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ. ދެވަނަ ބުރުގައި 586 ވޯޓުފޮށި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން