ވޯޓު ކަރުދާހުގައި ކުރެހުމަށްފަހު، ކަރުދާސް ދޫކުރިކަމަށް ބުނާ މައްސަލައެއްގައި ލ. ފޮނަދޫ ތިން ނަމްބަރު ވޯޓު ފޮށީގެ އޮފިޝަލެއް އިންތިޚާބީ މަސައްކަތުން ދުރުކޮށްފިއެވެ.

ފުލުހުން ބުނީ، ފޮނަދޫގައި ވޯޓުލާ މަރުކަޒުގެ އޮފިޝަލަކު ވޯޓު ކަރުދާހުގައި ކުރަހާފައި ދޭކަމުގެ ޝަކުވާ އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ފޮނަދޫގައި ވޯޓު ކަރުދާހުގައި ކުރެހި މައްސަލައެއްގައި ވަގުތީގޮތުން ވޯޓުލުން ހުއްޓާލާފައިވާ ކަމަށެވެ. އަދި މައްސަލަ ހައްލުކުރުމަށް އެ ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވަނީ ބުނެފައެވެ.



މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވިދާޅުވީ، ފޮނަދޫގެ ތިން ނަންބަރު ވޯޓު ފޮށީގައި ދޫކުރި ތިން ކަރުދާހެއްގައި ކުރަހާފައިވާ މައްސަލައެއް ފެންމަތި ވެފައިވާކަމަށެވެ. އަދި ވޯޓު ބާތިލު ކުރަން މިފަދަ ކަންތައް އެހެން ފޮށިތަކުގައި ކުރިޔަށްދޭތޯ ފާރަވެރިވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.



މޫސާ ސިރާޖް ވަނީ މި މައްސަލައާއި ގުޅިގެން ހަމަނުޖެހުން އުފެދިފައިވާތަން ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ހިއްސާ ކުރަށްވާފައެވެ.

އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނީ، އެދާއިރާގައި ދެން ވޯޓުލާން ފަށާނީ އާ ފޮއްޓަކަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން