މިއަދު ބާއްވަން މަސައްކަތްކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކޯރަމް ހަމަނުވެގެން ނިންމާލައިފިއެވެ.

މިއަދަކީ ސަރުކާރު ބަންދު ދުވަހެއްކަމަށް ކަނޑައަޅާފައިވީ ނަމަވެސް ރައްޔިތުންގެ މަޖިލީހުން އިއްޔެ ބުނެފައިވަނީ މަޖިލީހުގެ މިއަަދުގެ ޖަލްސާ އޮންނާނެ ކަމަށެވެ. ނަމަވެސް ކޯރަމް ހަމަވާ ޢަދަދަށް މެންބަރުން ތަޅުމަށް ޙާޟިރުވެފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާ ވެސް ފަށަން އޮތީ ހެނދުނު 9:00 ގަ އެވެ. ޖަލްސާއެއް ފަށަން ހަމަވާން ޖެހޭ ކޯރަމް ކަމަށްވާ 22 މެމްބަރުން އޭރު ތަޅުމުގައި ނެތުމުން ޖަލްސާ ނިންމަވާލެއްވިކަން އިއުލާނުކުރައްވަމުން ރިޔާސަތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ކޯރަމްގެ ރަނގަބީލު ޖެހުމަށްފަހުގައިވެސް މެންބަރުން މަޖިލީހުގެ ތަޅުމަށް ވަޑައިނުގަންނަވާކަމަށެވެ. އެވަގުތު ޖަލްސާއަށް ވަޑައިގެން ތިއްބެވީ 15 މެންބަރުނެވެ.

"މަޖުބޫރުވެ މިދަނީ ނޯންނާނެކަން އަންގާ އިއުލާނުކުރުން، މާދަމާވެސް މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަސައްކަތްކުރާނަން، އެޖެންޑާވެސް ފޮނުވާނަން، މެންބަރުން ވަޑައިގަންނަވާނެ ކަމަށް އުންމީދުކުރަން." ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާ ބޭއްވިފައިނުވާއިރު މިއަދަށް އެޖެންޑާ ކޮށްފައިވަނީ ނިޒާމީ ވޯޓާއި ބެހޭ މައްސަލައިގެ ބަހުސާއި ރައްޔިތުންގެ ހިޔާލު ހޯދުމުގައި އަމަލުކުރާގޮތަށް ގެންނަ އިސްލާހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން