ތިލަމާލޭ ބްރިޖްގެ މަސައްކަތް ރިޔާސީ އިންތިޚާބުގެ ކުރިން ނިމުނުނަމަ ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ބަދަލުއައުން އެކަށީގެންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ، ތިލަމާލެ ބްރިޖްގެ މަސައްކަތް ވަގުތަށް ނިންމާނުލެވުމަކީ ވަރަށް ހިތާމަކުރަށްވާ ކަމެއް ކަމަށާއި އެ މަޝްރޫއު ހުއްޓާނުލާ ކުރިއަށް ގެންގޮސްދިނުމަަށް ވަރަށް ބޮޑަށް އެދިލައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ ތިލަމާލެ ބްރިޖުގެ މަސައްކަތް ވަގުތަށް ނިންމާނުލެވުނީ ގިނަ ޓެކްނިކަލް މައްސަލަތަކެއް ދިމާވުމުން ކަމަށެވެ. ހަމައެއާއެކު ބްރިޖްގެ މަސައްކަތް ނިމުނުނަމަ އެކަމުގެ އަސަރު އިންތިޚާބުގެ ނަތީޖާއިން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ރައީސް މިއަދު ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ ރަށްރަށުގެ ތަރައްޤީއަށް ފަސް އަހަރު ކުރެއްވުނު މަސައްކަތާ ދޭތެރޭގައި ހިތްހަމަޖެހިލައްވާކަމަށެވެ. އަދި އައު ސަރުކާރުގެ ކިބައިން އެދެނީ ދެކަމަކަށް ކަމަށާއި، އެއީ ހެޔޮވެރިކަމެއް ކޮށްދެއްވުމާއި ގައުމީ ތަރައްޤީއަށްޓަކައި މި ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ނުހުއްޓި ކުރިއަށް ގެންދިއުން ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޞާލިޙްގެ މައްޗަށް ކުރިހޯއްދަވައި އިންތިޚާބު ކާމިޔާބު ކުރެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން