ރިޔާސީ އިންތިޚާބަށްފަހު އެމްޑީޕީގެ މެމްބަރުންނަށާއި މުދަލަށް ގެއްލުންދިނުން އެޕާޓީން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެޕާޓީގެ މަރަދޫ ދާއިރާގެ މެމްބަރާއި، ފޭދޫ ދާއިރާގެ މެމްބަރުންނަށް ބަޔަކު ހަމަލާދީ ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށެވެ.

އަދި އިންތިހާބަށްފަހު ދ. ކުޑަހުވަދޫ އާއި، ގއ. ކޮލަމާފުށީގައި ހުންނަ އެޕާޓީގެ އޮފީސްތަކަށާއި ބައެއް ރަށްރަށުގައި ހުރި ކެމްޕެއިން ޕޯސްޓަރާއި، ބިލްބޯޑު ފަދަ ތަކެއްޗަށް ގެއްލުން ދެމުންދާތީ އެކަން ކުށްވެރިކުރާ ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

"އިންތިހާބަށްފަހު އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ތާއީދުކުރާ ފަރާތްތަކުން ކާމިޔާބީ ފާހަގަކުރުމުގެ ތެރޭގައި މިފަދަ އަމަލުތައް ހިންގުމަކީ ޑިމޮކްރެޓިކް އުސޫލަތަކާ ބީރަށްޓެހި ވަރަށް ނާތަހުޒީބު ދަށުދަރަޖައިގެ އަމަލުތަކެކެވެ." އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެމްޑީޕީން ބުނީ، އެޕާޓީގެ މަޖިލިސް މެމްބަރުންނަށާއި، އެކިއެކި އޮފީސްތަކަށް ގެއްލުންދިން ފަރާތްތައް ހޯދައި މިކަންކަން ތަކުރާރުވިޔަނުދިނުމަށް ފުލުހުންނަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އިލްތިމާސްކުރާ ކަމަށެވެ.

ހަމައެއާއެކު ކެމްޕެއިން ތެރޭގައާއި އިންތިހާބަށްފަހުވެސް ޒިންމާދާރު ސިޔާސީ ޕާޓީއަކުން އަމަލުކުރަންވާނީ ސުލްހަވެރިކަމާއި ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިންކަން އެމްޑީޕީން ފާހަގަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން