އަވަސް އަރުވާލައިގެން ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރުމަކީ ރަނގަޅު ކަމެއް ނޫންކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް މަޖިލީހުން ފާސްކުރި ގަރާރުގައި ވަނީ މިމަހު 30، ގެ ކުރިން ފެންނަ ނުފެންނަ ވޯޓު ނެގުމަށެވެ. ނަމަވެސް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް އިތުރު ވަގުތު ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ވަނީ އެދިފައެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، އަވަސް އަރުވާލައިން، މަޖިލީހުގައި މެޖޯރިޓީއެއް އޮތުމުން އޭގެ ނަހަމަ ބޭނުން ހިފުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ. އެގޮތުން ވެރިކަމުގެ ނިޒާމު ފަދަ ކަންކަން ކުރެވިގެން ދާންވާނީ ރައްޔިތުންނަށް އޭގެ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުމަށްފަހު ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އަވަސް އަރުވާލައިގެން ވަކިން ހާއްސަކޮށް ވެރިކަމުގެ ނިޒާމު ބަދަލުކުރުންފަދަ ކަންކަން ކުރެވިގެން ދިއުމަކީ އެއީ މުޅި ގައުމަށް ހުރި ރަނގަޅު ގޮތެއް ކަމުގައި އަޅުގަނޑަށް ގަބޫލުނުކުރެވޭ." އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަސްލަމް މިއަދު ވިދާޅުވީ، މިފަދަ ބޮޑު ބަދަލެއް ގެންނައިރު މަޖިލީހުގެ ދާއިމީ ކޮމިޓީއަކަށް ހުށަހަޅައިގެން ކަމާގުޅުންހުރި ހުރިހާ ފަރާތްތަކެއްގެ ލަފާ ހޯއްދެވުމަށް އެދިލައްވާ ކަމަށެވެ.

ހަމައެއާއެކު ގާނޫނު އަސާސީގެ 262 ވަނަ މާއްދާގެ ށ. ގައި ވާގޮތުން ރައްޔިތުންގެ ރުހުން ހޯދަން ޖެހޭނީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ފަހު ކަމަށާއި، އެކަން ކުރަށްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވެސް އަސްލަމް މިއަދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން