މާލެ ސިޓީ ކައުންސިލްގެ ހިންގުން ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް އަށް މިއަދު ހަވާލުކޮށްފިއެވެ.

މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި މާލޭގެ މޭޔަރު އަދި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޓްރާންސިޝަން ޕީރިއަޑްގެ މަސައްކަތްތަކަށް ފުރިހަމައަށް ވަގުތު ދެއްވަން ބޭނުންފުޅުވާކަމަށެވެ.

ޑރ. މުޢިއްޒު މިއަދު ވިދާޅުވީ ވެރިކަމުގެ ހުވާކުރެއްވުމާ ހަމައަށް އެމަނިކުފާނު ހަމަޖައްސަވަންޖެހޭ ކަންކަމަށް ވަގުތު ދިނުމަށްޓަކައި މޭޔަރު ކަމުގެ ޒިންމާ ޑެޕިއުޓީ މޭޔަރާއި ޙަވާލު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ނޮވެމްބަރ 17 އާ ހަމައަށް މޭޔަރުކަމުގެ ޒިންމާތައް އަދާކުރުމަށް ދޭންޖެހޭ ވަގުތު ނުދެވިދާނެ ކަމަށާއި އެއީ މާލޭ ރައްޔިތުންނަށް ހައްޤު ގޮތް ނޫން ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

"ނޮވެމްބަރު 17 އާހަމައަށް އަޅުގަނޑަށް މޭޔަރުކަމުގައި ހުރެވޭނެ. ނަމަވެސް ޒިންމާތައް ލީގަލް ޓީމާއި އެލްޖީއޭ މެދުވެރިކޮށް ބެލިއިރު ފުރުސަތު އެބައޮތް ޑެޕިއުޓީ މޭޔަރާއި ހަވާލުކުރެވުމުގެ." ޑރ. މުޢިއްޒު މިއަދު ވިދާޅުވިއެވެ.

ހަމައެއާއެކު މާލެ ސިޓީ ކައުންސިލަރުންގެ ތެރެއިން ބައެއް ބޭފުޅުން އެމަނިކުފާނުގެ ސަރުކާރުގައި މަސައްކަތް ކުރެއްވުމަކީ އެކަށީގެންވާ ކަމެއްކަމަށާއި، އެމަނިކުފާނަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުނީ މާލެ ސިޓީގެ ކައުންސިލަރުންގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ޑރ. މުޢިއްޒު ކާމިޔާބު ކުރެއްވީ ރައީސް ޞާލިޙްގެ މައްޗަށް ނަވާރަހާސް ވޯޓުން ކުރި ހޯއްދަވައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން