އެމަނިކުފާނު ޖޭއެސްސީއަށް ވަޑައިގެންނެވުމުން ބަހުސްތަކުގެ މުޅި މަންޒަރު އެެއްކޮށް ބަދަލުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ބިލުގެ ބަހުސް މަޖިލީހުގައި މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. އެބިލާ ގުޅޭގޮތުން މަޖިލީހުގައި ރައީސް ނަޝީދު މިއަދު ވިދާޅުވީ، ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކޮންމެހެން އިންނަން ނުޖެހޭ ކަމަށެވެ.

އެގޮތުން މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ޖޭއެސްސީގައި އިންނެވުމަކީ އެ ކޮމިޝަނަށް ލިބޭ އުނިކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ހަމައެއާއެކު ބަންޑާރަ ނައިބާއި، މަޖިލީހުގެ މެމްބަރެއްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާ މެމްބަރަކު ޖޭއެސްސީގައި އިންނެވުމަކީ އިސްލާޙީ މަގަކަށް ވިސްނާއިރު އެންމެ ރަނގަޅުގޮތަށް ނުވެދާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު އެތަނަށް ދިޔައިމަ މުޅި މަންޒަރު އެއްކޮށް ބަދަލުވޭ. ރަނގަޅަށް ކަންކަމާމެދު މަޝްވަރާކޮށް ބަހުސެއް ނުކުރެވޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ދައުރު ނިމެން ގާތްވެފައި ވަނިކޮށް ސިޔާސީ ކުލަ ޖެހޭ ގޮތަށް ޖޭއެސްސީ އެކުލަވާލުމަކީ އެއްވެސް އިއްޒަތްތެރި މެމްބަރަކު އެދިވަޑައިގަންނަވާނެ ގޮތްނޫން ކަމަށެވެ.

ސަރުކާރުން ހުށައެޅުއްވި ބިލަށް ބަހުސް ކުރައްވަމުން އިދިކޮޅު މެމްބަރުން ވިދާޅުވަމުން ދަނީ ޖޭއެސްސީގައި ބަންޑާރަ ނައިބު އިންނަވައިގެން ޖޭއެސްސީ މިނިވަން ނުކުރެވޭނެ ކަމަށެވެ.

ޖޭއެސްސީއަށް ގެނައުމަށް ސަރުކާރުން ނިންމަވާފައިވާ މައިގަނޑު ބަދަލަކީ، އެކޮމިޝަންގެ މެންބަރުންގެ ޢަދަދަކީ 7 ކަމުގައި ކަނޑައެޅުމެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މެންބަރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި ނުހިމެނޭ ގޮތަށް ހަމަޖެއްސުމަށް ވަނީ ހުށައަޅާފައެވެ.

ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަކީ އިޖުތިމާޢީ ޢަދުލުވެރިކަމުގެ ދާއިރާއިން އަދުގެ ސަރުކާރުން ވެފައިވާ އެންމެ މުހިންމު އެއް ވަޢުދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން