ވެރިކަން ބަދަލުވުމުގެ އިންތިޤާލީ މަރުޙަލާގެ ތަރުޖަމާނަކަށް މުޙައްމަދު ފިރުޒުލް ހަމަޖައްސަވައިފިއެވެ.

ޕީޕީއެމުން ރޭ ބުނެފައިވަނީ، އިންތިޤާލީ ސްޕޯކްސްޕަރސަންގެ މަޤާމަށް މުޙައްމަދު ފިރުޒުލް ހަމަޖައްސާފައިވާކަމަށެވެ. ފިރުޒުލް އަކީ މިސްރުގެ އަޒްހަރު ޔުނިވާސިޓީ އިން ޝަރީއާ އެންޑް ލޯ އިން މަތީ ތައުލީމް ހާސިލް ކުރައްވައިފާ ބޭފުޅެކެވެ. ހަމައެއާއެކު ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިލްމު އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލްގެ މަގާމުވެސް ފިރުޒުލް ވަނީ އަދާކުރަށްވައިފައެވެ.

އިންތިޤާލީ މަރުޙަލާގެ ތަރުޖަމާނަކަށް ފިރުޒުލް ހަމަޖައްސަވާފައިވާއިރު، ޑައިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިހާރު ވަނީ ޢައްޔަނުކޮށްފައެވެ. އަދުރޭއަށް ރަސްމީކޮށް މަގާމު ހަވާލުކުރުން އޮންނާނީ މިއަދު ސިވިލް ސާވިސް ކޮމިޝަންގައެވެ.

ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ޢަމަލުކުރަންޖެހޭ އުޞޫލުތައް ބަޔާންކުރާ "ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ޤާނޫނު" ގައިވާ ގޮތަށް ކުރިއަށް ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން މިހާރު ވަނީ ކޮމެޓީއެއް އެކުލަވާލާފައެވެ. އެކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ރައީސް އޮފީހުގެ ސެކްރެޓެރީ، ކޯޕަރޭޓް ސާވިސް ހުސައިން އާމިރާއި، ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.

އޭގެއިތުރުން އިންތިޚާބީ ރައީސްގެ އޮފީހަށް ބޭނުންވާ އެހީތެރިކަން ދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކަމާބެހޭ ފަންނީ ބޭފުޅުން ހިމެނިވަޑައިގަންނަވާ ޓީމެއްގެ އެހީތެރިކަންވެސް ލިބިވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހާ ވާދަކުރައްވައި، ޑރ. މުއިއްޒު ވަނީ ކާމިޔާބު ހޯއްދަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން