ވެރިކަން ބަދަލުވުމުގެ އިންތިޤާލީ މަރުޙަލާގެ ވެރިއަކަށް ޕީއެންސީގެ ޗެއަރޕަރސަން އަބްދުއްރަޙީމް އަބްދުﷲ، އަދުރޭ ރަސްމީކޮށް އައްޔަންކޮށްފިއެވެ.

ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ އިސްވެރިޔާ ނުވަތަ ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް އަބްދުއްރަހީމް ރަސްމީކޮށް އައްޔަނުކޮށް، ސިވިލްސާވިސް ކޮމިޝަނުން މިއަދު ވަނީ އެކަމުގެ ލިޔުން ހަވާލު ކުރައްވައިފަ އެވެ.

ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ޢަމަލުކުރަންޖެހޭ އުޞޫލުތައް ބަޔާންކުރާ "ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ޤާނޫނު"ގައިވާ ގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބުވެވަޑައިގަންނަވާ ބޭފުޅަކު އެދިވަޑައިގަންނަވާ ގޮތަށް ސިވިލް ސާވިސް ކޮމިޝަނުންނެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ރައީސްކަމުގެ މަގާމަށް އިންތިހާބު ކުރެވުނު ފަރާތުން ބޭނުންކުރުމަށް އެކަށީގެންވާ އޮފީހާއި އެ އޮފީހަށް ބޭނުންވާ އެންމެހައި ތަކެތި ހަމަޖައްސައިދިނުމާއި، އިންތިޚާބީ ރައީސަށް ސަލާމަތާ ރައްކާތެރިކަން ގައުމީ ދިފާއީބާރު މެދުވެރިކޮށް ހަމަޖެއްސުމުގެ ކަންކަން ވިލަރެސްކުރުން ހިމެނެއެވެ.

ވެރިކަން ބަދަލުވުމުގެ މަރުޙަލާ އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން މިހާރު ވަނީ ކޮމެޓީއެއް އެކުލަވާލާފައެވެ. އެކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ރައީސް އޮފީހުގެ ސެކްރެޓެރީ، ކޯޕަރޭޓް ސާވިސް ހުސައިން އާމިރާއި، ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.

އޭގެއިތުރުން އިންތިޚާބީ ރައީސްގެ އޮފީހަށް ބޭނުންވާ އެހީތެރިކަން ދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކަމާބެހޭ ފަންނީ ބޭފުޅުން ހިމެނިވަޑައިގަންނަވާ ޓީމެއްގެ އެހީތެރިކަން ލިބިވަޑައިގަންނަވާނެ ގޮތަށް ވަނީ ހަމަޖައްސަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން