އިންޑިއާއިން ތިބީ ވާހަކަދައްކައިގެން މައްސަލަތައް ޙައްލުކުރުމަށް ތައްޔާރަށް ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ޑރ. މުޢިއްޒު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކާމިޔާބީއަށްފަހު އިންޑިއާ ސަފީރާއެކު ބޭއްވުނު ބައްދަލުވުމަކީ އުންމީދީ ބައްދަލުވުމެއް ކަމަށެވެ. އެގޮތުން އިންޑިއާއިން ތިބީ ވާހަކަދައްކައިގެން މައްސަލަތައް ޙައްލުކުރުމަށް ތައްޔާރަށް ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ވިދާޅުވީ، ރާއްޖެއިން އަބަދުވެސް އިސްކަންދޭނީ ރާއްޖޭގެ މަސްލަޙަތު ޙިމާޔަތް ކުރުމަށްކަމަށް އިންޑިއާ ސަފީރަށް ދެންނެވި ކަމަށެވެ. ހަމައެއާއެކު ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ މައްސަލަ ޙައްލުކުރުމަކީ އެންމެ ފުރަތަމަ ޙައްލު ކުރުމަށް ބޭނުންވާ ކަންތައްކަމަށް ސަފީރަށް ދެންނެވި ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު ދެންނެވިން ކޮންމެ ޤައުމެއްގެވެސް ޙައްޤެއް ނޫންހޭ އެޤައުމެއްގެ މިނިވަންކަން ޔަޤީންވެގެން ދިއުން. އެޤައުމެއްގެ ސޮވެރިންޓީއަކީ އެޤައުމެއްގެ ޙައްޤެއް ނޫންހެއްޔޭ؟ ހަމަ އެކަމުގަ އެއްވެސް ސުވާލެއް ނެތްކަމަށް އެބޭފުޅުން ވިދާޅުވީ." ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ވިދާޅުވީ، އިންޑިއާއިން ތިބީ އިންޑިއާގެ ލޯނުތަކުގެ މައްސަލާގައިވެސް ރާއްޖެއަށް ލުއިގޮތްތަކެއް ހޯދައިދިނުމަށް ވާހަކަދައްކަން ތައްޔާރަށްކަމަށް ސަފީރު ވިދާޅުވިކަމަށެވެ. ހަމައެއާއެކު އިންޑިއާއިން ކުރިއަށްގެންދާ މަޝްރޫޢުތައްވެސް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް ބޭނުންވާކަން ސަފީރަށް ދެންނެވިކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޑރ. މުޢިއްޒު މިމޭރުމުން ވިދާޅުވެފައިވާއިރު، މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީން އެންމެ ބޮޑަށް ދެއްކި އެއް ވާހަކައަކީ އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ތިބޭ ކަމަށް ބުނާ ވާހަކައެވެ. އަދި އެފަރާތްތަކަށް ރާއްޖޭގައި ނުތިބެވޭނެ ކަމަށް ތަކުރާރުކޮށް އެފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވެސް ވަނީ އިންޑިއާއެކު ހަދާފައިވާ އެއްބަސްވުންތައް ބަލައި، ޤައުމީ ސަލާމަތަށް ނުރައްކާވާ ވަރުގެ ކަމެއް އޮތްނަމަ އެކަން ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން