އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ދައުވަތު އަރުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ދަ ހިންދޫއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ، އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްވުމަށްއެދި މޯދީއަށް ދައުވަތު ފޮނުއްވާނެ ކަމަށެވެ. އަދި އެއީ ޓްރާންސިޝަން ކޮމިޓީންވެސް އެދިލައްވާ ގޮތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އިންތިހާބީ ރައީސް ހުވާ ކުރެއްވުމަށް އިންޑިއާގެ ބޮޑު ވަޒީރު މޯދީއަށް ދައުވަތު ފޮނުވުމަށް، މިއަދު އަޅުގަނޑު އެ ކަންކަން ކުރިއަށް ގެންދާނަން." ރައީސް ނަޝީދު ވިދާޅުވި އެވެ.

ޑރ. މުއިއްޒުގެ ވެރިކަމުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ހީނަރުވެގެންދާނެ ކަމަށް ބުނެ ދެކެވެނީ ހަގީގަތެއް ހުރި ވާހަކަތަކެއް ނޫން ކަމަށްވެސް ރައީސް ނަޝީދު ވަނީ އެ އިންޓަވިއުގައި ވިދާޅުވެފަ އެވެ. އަދި ކޮންމެ ސަރުކާރެއް އައި ނަމަވެސް، ރާއްޖެ އާއި އިންޑިޔާގެ ގުޅުން އަބަދުވެސް ދެމި އޮންނާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު މިމޭރުމުން ވިދާޅުވެފައިވާއިރު، އިންޑިއާއިން ތިބީ ވާހަކަދައްކައިގެން މައްސަލަތައް ޙައްލުކުރުމަށް ތައްޔާރަށް ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު އިންޑިއާއެކު ރާއްޖޭން ހަދާފައިވާ އެއްބަސްވުންތައް ބަލައި، ޤައުމީ ސަލާމަތަށް ނުރައްކާވާ ވަރުގެ ކަމެއް އޮތްނަމަ އެކަން ބަދަލު ކުރައްވާނެ ކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވެފައިވެއެވެ.

މޯދީވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު ރައީސް އިބްރާހީމު މުހައްމަދު ޞާލިޙް ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ. ރައީސުމްޖުމްހޫރިއްޔާ ހުވާ ކުރެއްވުމުގެ ކަންތައްތައް އިންތިޒާމު ކުރަނީ ރައްޔިތުންގެ މަޖިލީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ޙަސަނު

17-Oct-2023

މީނަތަގައުމުގެ ރައީސަކީ. މުއީޒު އަދިއެއް ވިދާޅެއްނުވޭ......



ޓްރެންޑިން