އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރަށް ދަޢުވަތު އެރުމަކީ ވެރިކަމުގެ ފުރަތަމަ ދުވަހުވެސް އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ފައްޓަވާނެކަމުގެ ދަލީލެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިންތިޤާލީ މަރުޙަލާގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެފައިވަނީ، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އަވަށްޓެރި އަދި ގާތް ގުޅުން އޮންނަ ހުރިހާ ގައުމަކަށް ދައުވަތު އަރުވާނެކަމަށެވެ. އޭގެތެރޭގައި އިންޑިއާވެސް ހިމެނޭކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ހަމައެއާއެކު އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްވުމަށްއެދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދައުވަތު ފޮނުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް އިންޑިއާގެ ދަ ހިންދޫއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެއެވެ.

އެކަމާގުޅިގެން ޝިޔާމް ވިދާޅުވީ، އެކަމުންވެސް ދޭހަވެގެންދަނީ އިންތިޚާބީ ރައީސް، ޑރ. މުޢިއްޒަކީ ތަފާތު ބޭފުޅެއްކަން ކަމަށެވެ. އޭގެ އިތުރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިޔާގެ ބޮޑުވަޒީރަށް ދަޢުވަތު ދެއްވުމަކީ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް ބޭރުގެ ސިފައިން ފޮނުވާލުމުގެ މަސައްކަތްޕުޅު ފައްޓަވާނެކަމުގެ އަލިގަދަ ދަލީލެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.



އިންޑިއާގެ ދަ ހިންދޫއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ، މޯދީއަށް ދައުވަތު ފޮނުއްވަނީ ޓްރާންސިޝަން ކޮމިޓީންވެސް އެކަމަށް އެދިލައްވާތީ ކަމަށެވެ. އަދި ޑރ. މުއިއްޒުގެ ވެރިކަމުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ހީނަރުވެގެންދާނެ ކަމަށް ބުނެ ދެކެވެނީ ހަގީގަތެއް ހުރި ވާހަކަތަކެއް ނޫން ކަމަށާއި ރާއްޖެ އާއި އިންޑިޔާގެ ގުޅުން އަބަދުވެސް ދެމި އޮންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު މިމޭރުމުން ވިދާޅުވެފައިވާއިރު، އިންޑިއާއިން ތިބީ ވާހަކަދައްކައިގެން މައްސަލަތައް ޙައްލުކުރުމަށް ތައްޔާރަށް ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު އިންޑިއާއެކު ރާއްޖޭން ހަދާފައިވާ އެއްބަސްވުންތައް ބަލައި، ޤައުމީ ސަލާމަތަށް ނުރައްކާވާ ވަރުގެ ކަމެއް އޮތްނަމަ އެކަން ބަދަލު ކުރައްވާނެ ކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން