ފަލަސްޠީނު ރައްޔިތުންނަށް އަމިއްލަ ދައުލަތެއް ލިބުމުގެ ޙައްޤު ހޯދައިދިނުމަށް ޢަދާލަތު ޕާޓީން ގޮވާލައިފިއެވެ.

ޢަދާލަތު ޕާޓީން މިއަދު ނެރެފައިވާ ބަޔާނެއްގައިވަނީ، ޞަޙްޔޫނީ ބާރުތަކުން ހިފާފައިވާ ފަލަސްޠީނުގެ ބިންތައް މިނިވަންކުރުމަށް ގޮވާލާފައެވެ. ހަމައެއާއެކު އެޕާޓީން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވިއްސިވިހާލިވެފައިވާ ފަލަސްޠީނުގެ ރައްޔިތުން އަނބުރާ އެމީހުންގެ ވަޒަނަށް ރުޖޫޢަވެ، ފަލަސްޠީނު ރައްޔިތުންނަށް ޙައްޤުވާ އެމީހުންގެ އަމިއްލަ ވަޒަނުގައި އެމީހުން އެދޭގޮތަށް ދައުލަތެއް ޤާއިމުކޮށް އެދައުލަތުގެ ހިޔާވަހިކަން ލިބުމުގެ ޙައްޤު ހޯދައިދިނުމަށް ދުނިޔޭގެ ބާރުތަކަށް ގޮވާލާފައެވެ.

"ޞަޙްޔޫނީ ބާރުތަކުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގެ ޣައިރު ޤާނޫނީ ވަޒަންވެރިންނާއި ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ފަލަސްތީނުގެ ރައްޔިތުންނާ ދެމެދު ހަނގުރާމަ ހިނގަމުންދާ މިދަނޑިވަޅުގައި، އަލްމަސްޖިދުލް އަޤްޞާ އާއި ފަލަސްތީނުގެ އަޚުންނާ އުޚުތުންނާ ދެކޮޅަށް ޞަޙްޔޫނީ ބާރުތަކުން ހިންގަމުންގެންދާ އަނިޔާވެރި ޢުދުވާނުގައި މުސްލިމުންނަށް ނަސްރާއި ކާމިޔާބީ މިންވަރުކުރެއްވުމަށާއި މަސްޖިދުލް އަޤްޞާގެ މިނިވަންކަމަށް އެދި ގަދަކީރިތިވަންތަ اللهގެ ކިބަފުޅަށް ދުޢާކުރުންމަތީ ދެމިތިބުމަށް އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރަމެވެ." ޢަދާލަތުގެ ބަޔާނުގައިވެއެވެ.



ޢަދާލަތު ޕާޓީން ބުނެފައިވަނީ، އަލްމަސްޖިދުލް އަޤްޞާ އަކީ މުސްލިމުންގެ ފުރަތަމަ ޤިބުލަކަމަށްވެފައި އެތަނުގެ ވަށައިގެންވާ ބިމަކީ މުސްލިމުންގެ މުޤައްދަޞް ބިންތައް ކަމަށެވެ. އެހެންކަމުން ފަލަސްތީނުގެ ޤަޟިއްޔާއަކީ ދުނިޔޭގެ ދެ ބިލިޔަނެއްހާ މުސްލިމުންގެ ހިތުގެ ވިންދާ ގުޅިފައިވާ މައްސަލައެއްކަން އެޕާޓީން ފާހަގަކޮށްފައިވެއެވެ.

"ފަލަސްތީނުގެ ޤަޟިއްޔާއަށް ދާއިމީ ޙައްލެއް ހޯދާފުމަށްދާންދެން މެދުއިރުމަތީގައި ސުލްޙަ ޤާއިމުވުމަކީ މި ޕާޓީން ދެކޭގޮތުގައި މުސްތަޙީލުކަމެކެވެ. އަދި މެދު އިރުމަތީގެ މަޞްރަޙު ހަލަބޮލިވުމަކީ ބައިނަލްއަޤުވާމީ ޞުލަޙަޔަށް އޮތް ބޮޑު ގޮންޖެހުމެކެވެ." ޢަދާލަތުން ނެރެފައިވާ ބަޔާނުގައިވެއެވެ.

އެހެންކަމުން، ހިފާފައިވާ ފަލަސްޠީނުގެ ބިންތައް މިނިވަންކޮށް، ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންގެ ވަޒަނަށް އެނބުރި ރުޖޫޢަވެވޭނެ މަގުފަހިކޮށް، ފަލަސްޠީނުގެ ބިމުގައި ފަލަސްޠީނު ރައްޔިތުންނަށް މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމުކޮށް ދިނުމަކީ، މެދުއިރުމަތީގެ ހަމަޖެހުމަށާއި ބައިނަލްއަޤުވާމީ ޞުލަޙަށްޓަކައި، ޢަރަބި-އިސްލާމީ ޤައުމުތަކާއި، ބައިނަލްއަޤުވާމީ ބާރުތަކާއި އަދި މުޅި ބައިނަލްއްޤުވާމީ މުޖުތަމަޢުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްކަމަށް ޢަދާލަތުން ވަނީ ބުނެފައެވެ.

އިސްރާއީލުގެ އިސްތިއުމާރާއި ދެކޮޅަށް ފަލަސްތީނުގެ ހަމާސް ޖަމާއަތުން ދިން ކުއްލި ހަމަލާތަކަކާއެކު މުޅި ދުނިޔޭގެ ސަމާލުކަން ވަނީ މެދުއިރުމައްޗަށް ހުއްޓިފައެވެ. ހަމާސް ޖަމާއަތުން ދިން ވަރުގަދަ ހަމަލާތަކުގައި އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު، އިސްރާއީލުން ދަނީ ގާޒާގެ އެތަންމިތަނަށް ވައިގެ މަގުން ހަމަލާތައް ދެމުންނެވެ. ދެ ފަރާތުން ބަދަލުކުރަމުންދާ ހަމަލާތަކުގައި އެތައް ބަޔަކު ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން