ސަރުކާރުގެ މަޝްރޫޢުތަކުން ފައިސާ ނުލިބޭތީ ކޮންޓްރެކްޓަރުން ގޮތް ހުސްވެފައިވާ ކަމަށް ކޮންސްޓްރަކްޝަން ސިނާއަތުގެ ގައުމީ ޖަމިއްޔާ، އެމްއެންއޭސީއައި އިން ބުނެފިއެވެ.

މިއަދު ނެރެފައިވާ ބަޔާނެއްގައި އެމްއެންއޭސީއައި އިން ބުނެފައިވަނީ، ސަރުކާރުގެ ޕްރޮޖެކްޓުތަކުން ފައިސާ ނުލިބި ދިގުލައިގެންދިއުމަކީ އެ ސިނާއަތުގެ ވަރަށްބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެގޮތުން ސަރުކާރުން އަތޮޅުތަކުގައި ހިންގާ މަޝްރޫއުތަކުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ފަހު، ފައިސާ ނުލިބި ލަސްވުމުން ގިނަ ދަތިތަކަކާ ކުރިމަތިވާ ކަމަށް ބަޔާނުގައިވެއެވެ.

އޭގެއިތުރުން މިކަން ހައްލުކުރުމަށް، ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ވެރިންނާ ބައްދަލުކޮށް، ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ ތާރީޚަށް ފައިސާ ދިނުމަށް ތަކުރާރުކޮށް އެދިފައިވާނެ ކަމަށްވެސް އެމްއެންއޭސީއައި އިން ފާހަގަކޮށްފައިވެއެވެ. އަދި ކަނޑައަޅާފައިވާ މުއްދަތަށް ފައިސާ ނުދިނުމުގެ ޖޫރިމަނާ ދިނުމަށް ވެސް އެދިފައިވާނެ ކަމަށް ބުނެފައިވެއެވެ.

ސަރުކާރުން ފައިސާ ނުލިބި ދިގުލައިގެން ދިއުމުގެ ސަބަބުން މުވައްޒަފުންގެ މުސާރައާއި، ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ދިނުމަށް ދަތިވެފައިވާކަމަށާއި، މުވައްޒަފުން މަސައްކަތް ހުއްޓާލައި ކޮންޓްރެކްޓަރުން ގޮތް ހުސްވެ، ކަންބޮޑުވެފައިވާ ކަމަށް އެމްއެންއޭސީއައިގެ ބަޔާނުގައިވެއެވެ.

ހަމައެއާއެކު އެ ސިނާޢަތުގެ ކަންބޮޑުވުންތައް ފާހަގަކޮށް ރައީސަށް ހުށައެޅި 24 ނުކުތާގެ ޕްރެޒެންޓޭޝަނުންވެސް އެކަށީގެންވާ އަލިމަގެއް ފެނިފައިނުވާކަމަށް ކޮންސްޓްރަކްޝަން ސިނާއަތުގެ ގައުމީ ޖަމިއްޔާއިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން