މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަނުވުމާ ގުޅިގެން ނިންމާލައިފި އެވެ.

ކޯރަމް ހަމަނުވުމުން މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ 48 މެންބަރުންގެ ސޮޔާއެކު އަލުން މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ މިއަދު ވިދާޅުވީ، ކޯރަމް ހަމަނުވާތީ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވާ ކަމަށެވެ.

"ކޯރަމް ހަމަނުވާތީ އަޅުގަނޑު މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މި ހިސާބުން މި ނިންމާލީ. ވަރަށް ބޮޑަށް ޝުކުރިއްޔާ. ދެން ޖަލްސާ އޮންނާނެ ވަގުތު އަންގާލާނަން،" އީވާ ވިދާޅުވި އެވެ.

މަޖިލީހުގައި ޖުމްލަ 87 މެންބަރުން ތިއްބަވާއިރު، ކޯރަމް ހަމަވާން ބޭނުންވަނީ 22 މެންބަރުންނެވެ.

މީގެކުރިން މިދިޔަ ޖޫން މަހުގެ ތެރޭގައިވެސް ރައީސް ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި އެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްގެ ތާއީދު ރައީސް ޞާލިޙަށް ހޯދުމަށް މަގުފަހިކުރުމަށްޓަކައި އެމްޑީޕީން ވަނީ އެ މައްސަލަތައް އަނބުރާ ގެންގޮސްފަ އެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ އަލުން މަޖިލީހަށް ހުށައެޅި ނަމަވެސް މިދައުރުގައި އިތުބާރުގެ މައްސަލައެއް އަނބުރާ ގެންގޮސްފައިވާތީ އަލުން ހުށައެޅި މައްސަލަ ބަލައިގަންނަން ދަތިވާނެ ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން