ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ 48 މެންބަރުންގެ ސޮޔާއެކު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ބުނެ މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ މަޖިލީހުގެ ރިޔާސަތުން މައްސަލަތައް ތާވަލުކުރުމުގައި އަމިއްލަ މަސްލަޙަތު އިސްކުރަށްވަމުން ގެންދާ ކަމަށެވެ. އެކަމުގެ ސަބަބުން ރައްޔިތުންނާ ގުޅުންހުރި މުހިއްމު ބިލުތަކެއްގެ މަސައްކަތް ނުނިމި ލަސްވާކަމަށާއި، ރައީސް ނަޝީދު މަޖިލީސް ހިންގަވަނީ ޤަވާއިދާ ޚިލާފަށް ކަމަށް އިތުބާރު ނެތްކަމަށް ބުނެ ހުށައެޅި ޤަރާރުގައި ވެއެވެ.

އޭގެއިތުރުން މަޖިލީހުގެ ނިޒާމް ހިފެހެއްޓެވުމުގެ ބަދަލުގައި ނިޒާމް ގެއްލުވާލަން މަސައްކަތްކުރާ ފަރާތްތަކަށް މަޖިލީހުގެ ރިޔާސަތުން ވާގިވެރިވާ ކަމަށާއި، މީގެ ކުރިންވެސް އެތައްދުވަހެއް ވަންދެން މަޖިލީހުގެ ޖަލްސާތައް ހުއްޓުވާލާފައި އޮތްކަން ޤަރާރުގައިވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން މަޖިލީހުގެ ރިޔާސަތަށް ކުރަމުން އައި އިތުބާރު ގެއްލިފައިވާ ކަމަށްވެސް އެމްޑީޕީގެ 48 މެންބަރުންގެ ސޮޔާއެކު ހުށައެޅި ގަރާރުގައި ވަނީ ބުނެފައެވެ.

އެމްޑީޕީން މިއަދު ހެނދުނުގެ ވަގުތެއްގައި މި މައްސަލަ މަޖިލީހަށް ހުށަހެޅި ނަމަވެސް، މައްސަލަ ކުރިޔަށް ގެންދަން ނިންމާފައިވާކަން މަޖިލީހުން ހާމަކޮށްފައެއް ނުވެއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ބައެއް މެންބަރުން ވިދާޅުވެފައިވަނީ، ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ އަލުން މަޖިލީހަށް ހުށަހަޅަނީ އެމްޑީޕީ އިދިކޮޅު ޕާޓީއަކަށް ވެގެންދާއިރު ސަރުކާރު ޖަވާބުދާރީކުރުވުން ފަސޭހަކުރުމަށްޓަކައި ކަމަށެވެ.

މީގެކުރިން މިދިޔަ ޖޫން މަހުގެ ތެރޭގައިވެސް ރައީސް ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި އެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްގެ ތާއީދު ރައީސް ޞާލިޙަށް ހޯދުމަށް މަގުފަހިކުރުމަށްޓަކައި އެމްޑީޕީން ވަނީ އެ މައްސަލަތައް އަނބުރާ ގެންގޮސްފަ އެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ އަލުން މަޖިލީހަށް ހުށައެޅި ނަމަވެސް މިދައުރުގައި އިތުބާރުގެ މައްސަލައެއް އަނބުރާ ގެންގޮސްފައިވާތީ އަލުން ހުށައެޅި މައްސަލަ ބަލައިގަންނަން ދަތިވާނެ ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން