ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހުއްޓާލާފައިވަނީ މީގެކުރިން ޢަމަލުކުރަމުންއައި އުސޫލާއި ޚިލާފަށް ވަކިނަތީޖާއެއް ނެރުމަށް ރާވައިގެން ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕްގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ތުހުމަތު ކުރަށްވައިފިއެވެ.

މަޖިލީހުގައި ޖުމްލަ 87 މެންބަރުން ތިއްބަވާއިރު، ކޯރަމް ހަމަވާން ބޭނުންވަނީ 22 މެންބަރުންނެވެ. މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ 54 މެންބަރުން ތިއްބަވައެވެ.

އެމްޑީޕީ ޕީޖީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައ،ި އަސްލަމް ވިދާޅުވީ ކޯރަމް ހަމަނުވެގެން މަޖުލިސް މެދުކަނޑާލީ މީގެ ކުރިން އަމަލުކުރާ އުސޫލަކުން ނޫން ކަމަށެވެ. އެގޮތުން މަޖިލީހުގެ ގޯތިތެރޭގައި ތިއްބެވި މެމްބަރުން ތަޅުމަށް ވަދެވަޑައިގަންނަވަން ރިޔާސަތުން ނޭދުމަކީ ގަސްދުގައި ކޯރަމް ހަމަ ނުކުރުން ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

އަސްލަމް ވިދާޅުވީ މީގެކުރިން ގިނަ ދުވަސް ދުވަހު ކޯރަމް ހަމަނުވުމުން ކޯރަމް ހަމަވަންދެން، މަޖިލީހުގެ ރިޔާސަތުން ކޮންމެވެސް ވަރަކަށް މެންބަރުންނަށް ފުރުސަތު ދެއްވާ ކަމަށާއި، ޖަލްސާ ފަށާގަޑި ފަސްކުރަށްވައިގެންވެސް ކޯރަމް ހަމަކުރުމަށް މަސައްކަތް ކުރަށްވާ ކަމަށެވެ. އަދި މަޖިލީހުގެ އިދާރީ މޭޒުން ވެސް، މަޖިލީހުގެ ރިޔާސަތުން ބޭފުޅުން ފޮނުއްވައި، މެމްބަރުންނާ ވާހަކަދައްކަވައި ކޯރަމް ހަމަކުރައްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މަޖިލިސް ހުއްޓުވާލިއިރު މަޖިލިސް ގޯތި ތެރޭގައި މެންބަރުން ތިއްބެވި ކަމަށާއި، މަޖުލީހުގެ ހޯލުތެރެއަށް ވަދެ ދޮރު ހުޅުވާ ބައްލަވާލެއްވުމަށް ފަހު ޑިމޮކްރެޓްސްގެ މެމްބަރުން ވަޑައިގެންނެވީ ކަމަށެވެ. އެހެންކަމުން އެއީ ގަސްތުގައި ކުރެއްވި ކަމެއްގެ ގޮތުގައި އަސްލަމް ތުހުމަތު ކުރެއްވިއެވެ.

"ކޯރަމް ހަމަވާ ވަރަށް މަޖިލިސް ގޯތި ތެރެއަށް މެމްބަރުން ހަމަވެފަތިބި." އަސްލަމް ވިދާޅުވިއެވެ.

އެހެންކަމުން މިއަދުގެ ޖަލްސާ މެންބަރުންނަށް އިތުރު ފުރުސަތެއް ދެއްވުމެއްނެތި އަދި ދެން ޖަލްސާ ބާއްވާނެ ތާރީޚެއް ވިދާޅުވުމެއްނެތި ނިންމަވައިލެއްވުމަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ކަންބޮޑުވާ ކަމެއްކަމަށް އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ މިއަދު ވިދާޅުވީ، ކޯރަމް ހަމަނުވާތީ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވާ ކަމަށެވެ. އަދި ދެން މަޖިލީޙުގެ ޖަލްސާއެއް ބާއްވާނެ ތާރީހެއް ވެސް އީވާ އިއުލާނު ކުރައްވާފައެއް ނުވެއެވެ.

ކޯރަމް ހަމަނުވުމުން މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ 48 މެންބަރުންގެ ސޮޔާއެކު އަލުން މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން