އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބު އިދާރީ، އިބްރާހީމް ވަހީދު (މަދަނަ އިބުރޭ) ވިދާޅުވެއްޖެއެވެ.

އިބުރޭ ވިދާޅުވީ، ކުރިއަށްއޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީން ހުރިހާ ގޮނޑިއަކަށް ވާދަކުރާނެ ކަމަށާއި، އޭގެތެރޭގައި މަޖިލީހަށް އަލަށް އިތުރުކުރާ ގޮނޑިތައްވެސް ހިމެނޭ ކަމަށެވެ. އިބުރޭ ވިދާޅުވެފައިވަނީ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީތައް މިއަހަރުގެ ފަހުކޮޅު އޮންނާނެ ކަމަށާއި ޕްރައިމަރީއަށްފަހު އެމްޑީޕީގެ ސަފުތައް އަލުން ބަދަހިކޮށް ރުކުރުވާލެވިގެންދާނެ ކަމަށެވެ.

އިބުރޭ މިމޭރުމުން ވިދާޅުވެފައިވާއިރު، މީގެކުރިން މަޖިލީހަށް ވާދަކުރުމަށް އެމްޑީޕީން ހުރިހާ ދާއިރާއެއްގައިވެސް ޕްރައިމަރީ ބާއްވާފައިވެއެވެ. ނަމަވެސް މިހާރު މަޖިލީހުގައި ތިއްބެވި އެޕާޓީގެ 55 މެންބަރުންނަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ދިނުމަށް މަޝްވަރާކުރަމުންދާކަމަށް މަޢުލޫމާތު ލިބެއެވެ.

2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެމްޑީޕީން މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 65 ގޮނޑި ކާމިޔާބު ކުރިއެވެ. ނަމަވެސް މިހާރު މަޖިލީހުގައި ތިއްބެވީ އެޕާޓީގެ 55 މެންބަރުންނެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 87 ދާއިރާގެ ބަދަލުގައި 93 ދާއިރާ އޮންނާނެ އެވެ. އަލަށް އިތުރުވި ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ހުޅުމާލެ މެދު އަދި ހުޅުމާލެ އުތުރު ދާއިރާގެ އިތުރުން ހިތާދޫ ދާއިރާ, ހުރާ ދާއިރާ, ކޮލަމާފުށި ދާއިރާ އަދި ފޭދޫ އުތުރު ދާއިރާ އެވެ. މިދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 19 ވަނަ ދުވަހުގެ މެންދުރުފަހު 3:00ގެ ނިޔަލަށެވެ.

މަޖިލީހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުމެއް ނެތި އިތުރުވަމުން ދާތީ، މެންބަރުންގެ އަދަދު 76 އަށް މަދުކޮށް، އޭގެ ތެރެއިން އަށް ގޮނޑި އަންހެނުންނަށް ހާއްސަކުރުމަށް ގާނޫނުއަސާސީ އިސްލާހުކުރުމަށް ޑިމޮކްރެޓްސްއިން ވަނީ ހުށަހަޅައިފައެވެ.

މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރ މުޙާއްމަދު އަސްލަމް ވިދާޅުވީ، މެންބަރުންގެ އަދަަދު ލިމިޓް ކުރުމަށް ޑިމޮކްރެޓުން ހުށައަޅާފައިވާ އިސްލާޙަށް އެމްޑީޕީން އަދި ރަސްމީ ނިންމުމެއް ނިންމާފައިނުވާ ކަމަށެވެ. އެކަމަކު، އޭނާގެ އަމިއްލަ ހައިސިއްޔަތުން އެ ކަމަށް ތާއީދު ނުކުރައްވާ ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން