ޑިމޮކްރެޓުންގެ އެދުމަކީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލެއްވުން ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓުންނާއެކު މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޕީއެންސީގެ ޗެއަރޕަރސަން އަބްދުއްރަޙީމް އަބްދުﷲ މިއަދު ވިދާޅުވީ، އަލަށް އުފައްދާ ސަރުކާރަކީ އަދުލު އިންސާފު ގާއިމުކުރާ، ހަމަހަމަކަމާއެކީގައި ހިދުމަތް ފޯރުކޮށްދޭ ސަރުކާރަކަށް ހެދުމަށް ކުރެވޭނެ ކަންކަމާގުޅޭގޮތުން ރައީސް ނަޝީދު އިސްކޮށް ހުންނަވާ ޑިމޮކުރެޓުންގެ ހިޔާލާއި މަޝްވަރާ ހޯދާފައިވާ ކަމަށެވެ.

ހަމައެއާއެކު ކުރީގެ ސަރުކާރުގައި ޑިމޮކްރެޓުންގެ މެމްބަރުންގެ ތަޖުރިބާތައް ހިއްސާކޮށް، ދިމާވި ގޮންޖެހުންތަކުން އަރައިގަތުމާ ގުޅޭގޮތުން މަޝްވަރާ ކުރިކަމަށް އަދުރޭ ވިދާޅުވެފައިވެއެވެ. އަދުރޭ ވިދާޅުވީ ޑިމޮކްރެޓުންގެ އެދުމަކީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލެއްވުން ކަމަށެވެ.

"ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއްގެ ގޮތުގައި ވަރަށް ރަނގަޅު ސަރުކާރެއް އޮންނަން އެ ބޭފުޅުން ބޭނުންފުޅުވާ ވާހަކަ ވިދާޅުވީ." އަދުރޭ ވިދާޅުވިއެވެ.

ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޑިމޮކްރެޓްސްގެ ޗެއަރޕަރސަން ހަސަން ލަތީފް ވިދާޅުވީ، އާ ސަރުކާރާއެކު ޑިމޮކްރެޓްސްއަށް މަސައްކަތް ކުރެވޭނެ ގޮތްތަކާއި، އަދި މަޖިލީސް ތެރެއިން ސަރުކާރަށް އެއްބާރުލުން ދޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ސަރުކާރުގެ ހިންގުން ބަދަލުކުރުމުގެ އިންތިޤާލީ މަސައްކަތްތައް ރަސްމީކޮށް ފަށާފައިވާއިރު އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން