މުޅި އިސްލާމީ އުންމަތް އެއްބައިވެ އެކަތިކަނޑަކަށް ވާންވީ ވަގުތު ޖެހިފައިވާ ކަމަށް ދާޚިލީ ވަޒީރު އިމްރާން ވިދާޅުވެއްޖެއެވެ.

ޢަދާލަތު ޕާޓީގެ ރައީސްގެ މަޤާމުގައިވެސް ހުންނެވި އިމްރާން މިމޭރުމުން ވިދާޅުވެފައިވާއިރު، މެދުއިރުމަތީގެ މަސްރަޙްވަނީ ނުރައްކާތެރި ޙާލަތެއްގައެވެ. އެގޮތުން އިސްރާއީލުގެ އިސްތިއުމާރާއި ދެކޮޅަށް ފަލަސްތީނުގެ ހަމާސް ޖަމާއަތުން ދިން ކުއްލި ހަމަލާތަކަކާއެކު މުޅި ދުނިޔޭގެ ސަމާލުކަން ވަނީ މެދުއިރުމައްޗަށް ހުއްޓިފައެވެ.

މެދުއިރުމަތީގެ ޙާލަތަށް އިޝާރާތް ކުރަށްވަމުން އިމްރާން ވިދާޅުވީ، އުންމަތުގެ ކަރާމަތާއި، ޝަރަފާ، އިއްޒަތް ސަލާމަތްވާނީ ފަރުދީ ތަފާތުތަކާ މަސްލަޙަތުތައް އެއްފަރާތް ކޮށްގެން ކަމަށެވެ. އަދި ކޮންމެ މުސްލިމަކު އެމީހެއްގެ ދައުރު ފުރިހަމައަށް އަދާކުރުމަށްވެސް އިމްރާން ވަނީ ގޮވާލައްވާފައެވެ.

"މުޅި އުންމަތް އެއްބައިވެ އެކަތިގަނޑަކަށްވާންވީ ވަގުތު މިއޮތީ ޖެހިފައެވެ." އިމްރާން ވިދާޅުވިއެވެ.



ހަމާސް ޖަމާއަތުން ދިން ވަރުގަދަ ހަމަލާތަކުގައި އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު، އިސްރާއީލުން ދަނީ ގާޒާގެ އެތަންމިތަނަށް ވައިގެ މަގުން ހަމަލާތައް ދެމުންނެވެ. ދެ ފަރާތުން ބަދަލުކުރަމުންދާ ހަމަލާތަކުގައި އެތައް ބަޔަކު ވަނީ މަރުވެފައެވެ.

ހަމާސްއިން ކުރިއަށްގެންދާ "އޮޕަރޭޝަން އަޤްޞާ ފްލަޑް" ގައި އިސްރާޢީލުގެ ދެކުނުގައިވާ ރަށްތަކަށް އަމާޒުކޮށް ފަސްހާހަށްވުރެގިނަ ޢަދަދަކަށް ރޮކެޓް ހަމަލާވަނީ ދީފައެވެ. މި ޙަމަލާތަކުގައި އިސްރާއީލުގެ އެތައް ސަތޭކަ މީހުން ވަނީ މަރުވެފައެވެ. މިކަމާ ގުޅިގެން އިސްރާޢީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ބޮން އަޅައި ފަލަސްޠީނުގެ އެތައް ސަތޭކަ މީހުން ޝަހީދުކޮށްލާފައިވެއެވެ.

ހަމާސްއިން އިސްރާއީލަށް މިފަހަރުދިން ހަމަލާއަކީ މިހާތަނަށް ހަމާސްއިން އިސްރާއީލާއި ދެކޮޅަށް ދިން އެންމެ ވަރުގަދަ ހަމަލާއެވެ. ޔަހޫދީންގެ ބަންދަކާއި ދިމާކޮށް ދިން ހަމަލާއާ ގުޅޭ ޖާސޫސީ އެއްވެސް މައުލޫމާތެއް އިސްރާއީލަށް ލިބިފައިނުވާތީ ދުނިޔޭގެ ގިނަ ބަޔަކަށް ވަނީ ބޮޑު ޙައިރާންކަމެއް ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން