ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދަން ލަފާދިނުމަކީ މަފްހޫމްތައް އޮޅުވައިލުން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޑރ. އަޙްމަދު މިމޭރުމުން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދު އިސްކޮށް ހުންނަވާ ޑިމޮކްރެޓުންގެ އެދުމަކީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލެއްވުން ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަޙީމް އިއްޔެވަނީ ވިދާޅުވެފައެވެ.

އެކަމާގުޅިގެން ޑރ. އަޙްމަދު ވިދާޅުވީ، ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދަން "ދަ ޑިމޮކްރެޓްސް" ލަފާދިނުމަކީ ނުވަތަ ގޮވާލުމަކީ މަފްހޫމްތައް އޮޅުވައިލުން ކަމަށެވެ. އެގޮތުން ސިޔާސީ ނިޒާމުތަކުގައި ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރަކީ ބަޔަކުމީހުން ހަމަ ބުނެލާއިރަށް އުފައްދާ ސަރުކާރެއް ނޫން ކަމަށް ޑރ. އަޙްމަދު ވިދާޅުވިއެވެ.

"އެއީ ޤައުމަށް ކުރިމަތިވެފައިވާ ނުރައްކާތަކަކުން ނުވަތަ ސިޔާސީ ހަމަނުޖެހުން ފަދަ އިމަރޖެންސީ ޙާލަތްތަކަކުން އަރައިގަތުމަށްޓަކައި އުފައްދާ ސަރުކާރެއް. އެފަދަ ސަރުކާރެއް އުފައްދަންޖެހޭ ޙާލަތެއް ދިވެހި ޤައުމަށް މިވަގުތު މެދުވެރިވެފައި ނުވާކަން ކަށަވަރު." ޑރ. އަޙްމަދު ވިދާޅުވިއެވެ.

އޭގެއިތުރުން ރައްޔިތުންގެ ބޮޑު އަޢުލަބިއްޔަތަކުން ހޮވާފައިވާ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު އެކުލަވާލުމުގައި، ޤާނޫނުއަސާސީން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ބާރާއި އިޚުތިޔާރަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު އެއްވެސް ބަޔަކަށް ނުދެއްވާނެކަން ޔަޤީން ކުރަށްވާކަމަށްވެސް ޑރ. އަޙްމަދު ވަނީ ވިދާޅުވެފައެވެ.

ޑިމޮކްރެޓުންނާއެކު އިއްޔެ ކުރިއަށް ގެންދިޔަ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޕީއެންސީގެ ޗެއަރޕަރސަން އަބްދުއްރަޙީމް ވިދާޅުވީ، ޑިމޮކްރެޓުންގެ އެދުމަކީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލެއްވުން ކަމަށެވެ.

ހަމައެއާއެކު އަލަށް އުފައްދާ ސަރުކާރަކީ އަދުލު އިންސާފު ގާއިމުކުރާ، ހަމަހަމަކަމާއެކީގައި ހިދުމަތް ފޯރުކޮށްދޭ ސަރުކާރަކަށް ހެދުމަށް ކުރެވޭނެ ކަންކަމާގުޅޭގޮތުން ރައީސް ނަޝީދު އިސްކޮށް ހުންނަވާ ޑިމޮކުރެޓުންގެ ހިޔާލާއި މަޝްވަރާ ހޯދާފައިވާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ސަރުކާރުގެ ހިންގުން ބަދަލުކުރުމުގެ އިންތިޤާލީ މަސައްކަތްތައް ރަސްމީކޮށް ފަށާފައިވާއިރު އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން