މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ
މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ
ދައުރެއްގެ ތެރޭގައި ދެފަހަރަށް މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ ގަރާރު މަޖިލީހަށް ބަލައިގަނެވިދާނެ ކަމާމެދު ސުވާލު އުފެދުމުން ރައީސް ނަޝީދު ވަކިކުރަން މަޖިލީހަށް ހުށައަޅާފައިވާ ޤަރާރު ބަލައިގަތުމާމެދު މަޖިލީހުގެ އިދާރާއިން ވަކިގޮތެއް ނުނިންމާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ މިދައުރުގެ ތެރޭގައި ބަލައިގަނެވިދާނެ ކަމާމެދު ސުވާލު އުފެދިފައިވާއިރު، އެމައްސަލާގައި ރައީސް ނަޝީދަށް ފޮނުވަންޖެހޭ ނޯޓިސް މަޖިލީހުގެ އިދާރާއިން މިހާތަނަށް ފޮނުވާފައެއް ނުވެއެވެ. އެމައްސަލައާ ގުޅިގެން މަޖިލީހުގެ އިދާރާއިން އިއްޔެ ބުނީ މި މައްސަލައާމެދު ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޢަމަލުކުރާނެ ކަމަށެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ އަލުން މަޖިލީހަށް ހުށައެޅި ނަމަވެސް މިދައުރުގައި އިތުބާރުގެ މައްސަލައެއް އަނބުރާ ގެންގޮސްފައިވާތީ އަލުން ހުށައެޅި މައްސަލަ ބަލައިގަންނަން ދަތިވާނެ ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެމްޑީޕީން ބުނެފައިވަނީ މި ޤަރާރުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ޤާނޫނީ ހަމައެއް ނެތް ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގެ 97 ވަނަ މާއްދާގައި މަޖިލީހަށް ހުށަހެޅޭ ބިލެއް ބާތިލުވެއްޖެނަމަ އެފަދަ ބިލެއް އަލުން ހުށެހެޅޭނީ ދެން އަންނަ ދައުރެއްގައިކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ގަވާއިދުގެ 168 ވަނަ މާއްދާގައި މަޖިލީހަށް ހުށަހެޅޭ ގަރާރެއްގެ މައްޗަށްވެސް ހިނގާނީ އާންމުކޮށް ބިލުތަކުގެ މައްޗަށް ހިނގާ އުސޫލު ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ ގަރާރު ހުށަހެޅުމާ ގުޅޭ، 205 ވަނަ މާއްދާގައި، އެއް ދައުރެއްގައި ދެ ފަހަރަށް އެ ފަދަ ގަރާރެއް ހުށަނޭޅޭނެ ކަމަށް ބަޔާންކޮށްފައެއް ނުވެއެވެ.

މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮއެވެ.

48 މެންބަރުންގެ ތާޢީދާއެކު އެމްޑީޕީން މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ މަޖިލީހުގެ ރިޔާސަތުން މައްސަލަތައް ތާވަލުކުރުމުގައި އަމިއްލަ މަސްލަޙަތު އިސްކުރަށްވަމުން ގެންދާ ކަމަށެވެ. އަދި ރައީސް ނަޝީދު މަޖިލީސް ހިންގަވަނީ ޤަވާއިދާ ޚިލާފަށް ކަމަށް އިތުބާރު ނެތްކަމަށް ބުނެ ހުށައެޅި ޤަރާރުގައި ވެއެވެ.

މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރުމުގެ މަސައްކަތް އަލުން ފަށާފައިވާއިރު، މީގެކުރިން މިދިޔަ ޖޫން މަހުގެ ތެރޭގައިވެސް ރައީސް ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި އެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްގެ ތާއީދު ރައީސް ޞާލިޙަށް ހޯދުމަށް މަގުފަހިކުރުމަށްޓަކައި އެމްޑީޕީން ވަނީ އެ މައްސަލަތައް އަނބުރާ ގެންގޮސްފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ވާއިރު، ހުރިހާ މެމްބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމަ ރައީސް ނަޝީދު މަގާމުން ދުރުކުރަން 44 ވޯޓު ބޭނުންވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން