ދެޤައުމަކަށް ސަފީރުން ޢައްޔަނުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ ދެބޭފުޅަކު ސަފީރުކަމަށް އައްޔަނު ކުރުމާމެދު މަޖިލީހުން ވަކިގޮތެއް ކަނޑައަޅުއްވައި ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެދެފަރާތަމެދު ގޮތެއް ނިންމެވުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މިއަދު ވަނީ ފޮނުވާފައެވެ.

އެގޮތުން ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) އާއި، ޤާނޫނު ނަންބަރު 20/2021 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނު) ގެ 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް ސ.ހުޅުދޫ/ އަސަރީގެ، ޝިއުނީން ރަޝީދު އައްޔަންކުރުމާއި މެދު މަޖިލީހަށް ފެންނަ ގޮތެއް ކަނޑައެޅުމަށް މިއަދުގެ ޖަލްސާއަށް ވަނީ ހުށައަޅާފައެވެ.

ޝިއުނީން މިހާތަނަށް ހުންނެވީ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކެޓްރީގެ މަޤާމުގައެވެ.

އޭގެއިތުރުން ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) އާއި، ޤާނޫނު ނަންބަރު 20/2021 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނު) ގެ 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެކުވެރި އަރަބި ޢިމާރާތަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މއ.ރުއްކުރި، މަރްޔަމް މިދްފާ ނަޢީމް އައްޔަންކުރުމާއި މެދު މަޖިލީހަށް ފެންނަ ގޮތެއް ކަނޑައެޅުމަށްވެސް މިއަދުގެ ޖަލްސާއަށް ވަނީ ހުށައަޅާފައެވެ.

މިދުފާ ނައީމް އަކީ ޚާރިޖީ ވުޒާރާގެ ޑިރެކްޓަރގެ މަޤާމުވެސް ފުރުއްވާފައިވާ ކަނބަލެކެވެ.

އެކުވެރި އަރަބި އިމާރާތަށް ރާއްޖެއިން ކަނޑައަޅުއްވާފަ ހުންނަވާ ސަފީރުކަމުގެ މަގާމުގައި މިހާރު ހުންނެވީ ހ. މިސްޓްރީލޮޖް، އާމިނަތު ޝަބީނާ އެވެ. އަދި ބަންގްލަދޭޝަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރުކަމުގެ މަގާމުގައި މިހާރު ހުންނެވީ ޝިރުޒިމަތު ސަމީރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން