ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި އެމްއެންޕީގެ ކެންޑިޑޭޓުން ވާދަކުރާނީ ޕީޕީއެމް ޕީއެންސީއާ ގުޅިގެން ކަމަށް އެޕާޓީގެ ލީޑަރ ކާނަލް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ޕީއެންސީގެ ކައުންސިލް ބައްދަލުވުމުގައި ކާނަލް ނާޒިމް ވިދާޅުވީ، އެމްއެންޕީއަށް ދެ އަހަރު ފުރުމާ ގާތްވެފައިވާއިރު ސިޔާސީ ގޮތުން އެޕާޓީން ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން އެޕާޓީން ގިނަ އިންތިޚާބުތަކެއްގައި ވާދަކޮށް ރަނގަޅު ނަތީޖާ ހޯދާފައިވާކަން ނާޒިމް ފާހަގަކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ، އެމްއެންޕީން މިވަގުތު މަސައްކަތް ކުރަމުން ދަނީ ޕީޕީއެމް ޕީއެންސީއާ އެކު ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ފަސް އަހަރު ބާއްވާ އިންތިހާބުތަކުގައިވެސް އެމްއެންޕީގެ ކެންޑިޑޭޓުން ވާދަކުރާނީ ޕީޕީއެމް ޕީއެންސީއާ ގުޅިގެންކަން ނާޒިމް ފާހަގަ ކުރެއްވިއެވެ. އެގޮތުން ޕީޕީއެމް ޕީއެންސީއާއެކު އެއްބަސްވެވޭ ގޮތެއްގެ މަތިން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް އެމްއެންޕީން ވާދަކުރާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ރޭގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ، އުއްމީދަކީ އާ ސަރުކާރުން ރިޔާސީ އިންތިޚާބުގައި ވެފައިވާ ވައުދުތަކާ އެއްގޮތަށް ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ. އަދި ކުރިއަށް މިއޮތް ފަސް އަހަރު ޑރ. މުއިއްޒާ އެކީގައި، އެމަނިކުފާނު އެދުނު ކޮންމެ ކަމެއް ކޮށްދީ، މި ގައުމުގެ ހެވާ ލާބައަށް ކުރެވޭ ކޮންމެ ކަމެއްގައި އެމްއެންޕީން ސާބިތުކަމާ އެކު އޮންނާނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް ޕީއެންސީއާ އެކު ކޯލިޝަން ހަދައިގެން މަސައްކަތް ކުރި ހަމައެކަނި ޕާޓީ އަކީ ޕީއެންސީއެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްއެންޕީގެ ރައީސް ކާނަލް ނާޒިމު ވާދަކުރެއްވި ނަމަވެސް އޭނާއަށް ލިބިވަޑައިގަތީ 1،900 ވޯޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން