އެންމެންގެ ރުހުން ލިބުމަކީ އެއްވެސް މީހަކަށް ދުވަހަކުވެސް ވާނެކަމެއް ނޫން ކަމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޢަދާލަތު ޕާޓީގެ ރައީސްގެ މަޤާމުގައިވެސް ހުންނެވި އިމްރާން މިއަދު ވިދާޅުވީ، ހެޔޮ،ރަނގަޅު ކަމެއް ކުރަންއެދޭ މީހަކަށް އޮތީ މީސްތަކުންގެ ރުހުމާއި، ނުރުހުމަށް ނުބަލައި ކުރިއަށް ދިއުން ކަމަށެވެ. އަދި ކިތައްމެ ބޮޑު ހެޔޮކަމެއް ކުރިޔަސް ނުރުހުންވެ، ދެކޮޅުހަދާނެ ކޮންމެވެސްބަޔަކު ތިބޭނެކަމަށް އިމްރާން ވިދާޅުވިއެވެ.

"އެންމެންގެ ރުހުންލިބުމަކީ އެއްވެސް މީހަކަށް، ދުވަހަކުވެސް ވާނެކަމެއް ނޫނެވެ." އިމްރާން ވިދާޅުވިއެވެ.



އިމްރާން މީގެ ކުރިންވެސް ވިދާޅުވެފައިވަނީ، ފާޑުކިޔުންތަކާ ކުރިމަތި ނުލައި އިސްލާހީ މަސައްކަތް، ވަކިން ޚާއްސަކޮށް ސިޔާސީ އިސްލާހީ މަސައްކަތް ކުރެވިދާނެކަމަށް ހީކުރުމީ ވަރަށްބޮޑު ކުށްހީއެއް ކަމަށެވެ. އޭގެ އިތުރުން ސިޔާސީ މަސައްކަތަށް ނިކުންނަންވާނީ ފާޑު ކިޔުންތައް އަންނާނެކަން އެނގި އެކަން ތަޙަންމަލު ކުރުމުގެ ވިސްނުމާވެސް އެކުގައިކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވެފައިވަނީ ސިޔާސީ މަސައްކަތުގައި އެއްވާނެއްގައި، އެއްގޮތެއްގައި ދިގުމުއްދަތަކަށް ސާބިތުވެ ހުރުމަކީ ވަރަށް ބޮޑު ކަމެއް ކަމަށެވެ. އޭގެ އިތުރުން ޢަދާލަތުޕާޓީއާއެކު ދެމިތިއްބެވި ހުރިހާ ފަރާތްތަކަށް އިމްރާން ވަނީ ޝުކުރު އަދާކުރަށްވާފައެވެ.

އިމްރާން މިމޭރުމުން ވިދާޅުވެފައިވާއިރު، ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ޢަދާލަތު ޕާޓީން ތާޢީދު ކޮށްފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށެވެ. ނަމަވެސް ރައީސް ޞާލިޙްވަނީ އިންތިޚާބުން ބަލިވެވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން