ވ. ކެޔޮދޫ، ދޭލިޔާގޭ މޫސާ އަހުމަދު، 19، ގެ ގަޔަށް ވަޅި ޖަހާ މަރާލި މައްސަލާގައި ދަޢުވާ އުފުލާފައިވާ އދ. މާމިގިލީ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީ ހައްޔަރު ކުރުމުގައި އަމަލީ ގޮތުން އުޅުނުކަމަށް އެމައްސަލާގައި ކްރިމިނަލް ކޯޓުގައި ހެކިބަސްދިން ދަޢުލަތުގެ ހެކިވެރިޔާ މިއަދު ބުނެފިއެވެ.

ސެޕްޓެމްބަރު 24، 2017 ވަނަ ދުވަހު މާފަންނު އައިޓަމްސް ފިހާރަ ކައިރީ ހިނގި މި މާރާމާރީގައި ލިބުނު ޒަހަމްތަކާއި ގުޅިގެން މޫސާ ހޮސްޕިޓަލަށް ގެނައިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ މަރުވެފަ އެވެ. އެ މައްސަލާގައި ދައުލަތުން ދައުވާ އުފުލީ ފަސް މީހެއްގެ މައްޗަށެވެ. އެއީ އިބްރާހިމް ސައްމާހު އަހުމަދު ފަތުހީއާއި، އަލީ ހަސަންއާއި، މުހައްމަދު ރިޔާޒްއާއި، އަހުމަދު އީޖާދު މުހައްމަދު އަދި މުހައްމަދު ނާޝިޒް ނާޒިމްގެ މައްޗަށެވެ.

އޭގެ ތެރެއިން ސައްމާހުގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއާއި މަގްބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ އެވެ. ބާކީ ތިބި ތިން މީހުންނަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. ނާޝިޒްގެ މައްޗަށް ކުރީ މަގްބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާއާއި، ތޫނު އެއްޗެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އެވެ.

މި މައްސަލާގައި މިއަދު ސިއްރުން ހެކިބަސްދެމުން ދަޢުލަތުގެ ހެކިވެރިޔާ ބުނެފައިވަނީ، ޙާދިސާ ހިނގިތާ ތިން ހަތަރު ދުވަހުގެ ތެރޭގައި ސައްމާހު ހައްޔަރު ކުރުމުގެ އޮޕަރޭޝަން ހިންގިފައިވާ ކަމަށެވެ. އަދި ސައްމާހު ފިލައިގެން ދަނިކޮށް އޭނާ ހައްޔަރުކުރުމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާނެ ކަމަށާއި، އެމީހުން ހައްޔަރުކުރީ މާފަންނުގައި ހުރި ގެއެއްގެ ކުޑަދޮރުން ފުންމާލުމުން ކަމަށް ހެކިވެރިޔާ ވަނީ ބުނެފައެވެ.

މިއަދުގެ އަޑުއެހުމުގައި ސައްމާހުގެ ފަރާތުން އެދިފައިވަނީ މައްސަލަނުނިމި ދިގުދެމިފައިވާތީ ވީހާވެސް އަވަހަށް މައްސަލަ ނިންމައި ދިނުމަށް އެދިފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ މިހާރު ބައްލަވަމުން ގެންދަވަނީ ޤާޟީ އިބްރާހިމް އިޙްސާނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން