ދިވެހިރާއްޖޭގެ ޢަދުލުއިންސާފު ޤާއިމުކުރުމުގެ ބާރު ވެފައިވަނީ ދެންއޮތް ދެބާރުން މޮޑޭ ފުށްގަނޑަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސަޢުދު ޙުސައިން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖުޑިޝަލް ސާވިސް ކޮމިޝަންގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ސަޢުދު ވިދާޅުވީ، ޤާނޫނު އަސާސީން ދަޢުލަތުގެ 3 ބާރު ވަކިކޮށްފައިވީ ނަމަވެސް މިދިޔަ ދުވަސްތަކުގައި ދިވެހިރާއްޖޭގެ ޢަދުލުއިންސާފު ޤާއިމުކުރުމުގެ ބާރު ވެފައިވަނީ ދެންއޮތް ދެބާރުން މޮޑޭ ފުށްގަނޑަކަށް ކަމަށެވެ.

އެގޮތުން މިވޭތުވެދިޔަ 18 އަހަރުވެސް ރައްޔިތުން އަޑުއުފުލަމުން ގެންދިޔަގޮތަށް ޢަދުލުއިންސާފު ރައްޔިތުންނަށް ލިބިފައިނުވާކަމަށް ސަޢުދު ވިދާޅުވިއެވެ. ސަޢުދު ވިދާޅުވީ، އެގޮތަށް އެކަންވެފައިވަނީ ޖުޑިޝަރީއަކީ ސިޔާސީ ޕާޓީތަކުގެ ލީޑަރުން މޮޑޭ ފުށްގަނޑަކަށް ވެފައިވާތީ ކަމަށެވެ.

"އެއްފަހަރު ޕިންކު ކުލައިން، އަނެއްފަހަރު އޮރެންޖު ކުލައިން، އަނެއްފަހަރު ނޫ ކުލައިން ޖަރީވެގެންދާތަން މި ފެންނަނީ." ސަޢުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ މިހާރު ޖޭއެސްސީ އިސްލާޙު ކުރުމަށް ހުށައަޅާފައިވާ އިސްލާޙަކީވެސް އެފަދަ ފުށްގަނޑެއް ކަމަށެވެ. ނަމަވެސް ޤާނޫނު އަސާސީގައި ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރު ލިބިގެންވާކަމަށް ބަޔާންކުރަނީ ކޯޓުތަކަށް ކަމަށާއި އެހެންކަމުން ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަށް ޖޭއެސްސީ އިސްލާޙު ކުރުމަށް ސަޢުދު ވަނީ ގޮވާލައްވާފައެވެ.

ސަޢުދު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޢަދުލު އިންސާފު ޤާއިމު ނުކުރެވުން ކަމަށެވެ. އެހެންކަމުން މަޖިލީހާއި، ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީން މުތުލަޤަށް ބާރު ލިބިފައިވާގޮތަށް އިތުރު ފަރާތްތައް މެދުވެރިނުކޮށް ކޯޓު ތަކަށްވެސް ޢަދުލުއިންސާފު ޤާއިމުކުރުމުގެ ބާރުވެރިކަން ދޫކޮށްލުމަށް ޖެހިލުންވާން ނުޖެހޭ ކަމަށް ސަޢުދު ވިދާޅުވިއެވެ.

"ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރު ފަނޑިޔާރުގެއަށް ދޭންވީ މުތުލަޤަށް. ފަނޑިޔާރުގެއިން އެކަންކަން ކުރާނެ." ބިލުގެ ބަހުސްގައި ސަޢުދު ވިދާޅުވިއެވެ.

ސަޢުދު އިތުރަށް އިދާޅުވީ، ފަނޑިޔާރު ގޭގައި ހިނގާ ކަންކަން ޙައްލުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަކީ އެހެންކަމެއް ކަމަށާއި އެކަންކަން ބެލޭނެ އިންތިޒާމް އެހެންގޮތަކަށް ޤާނޫނީ އިމުގެ ތެރެއިން ހަމަޖެއްސޭނެ ގޮތެއް ހޯދަންޖެހޭ ކަމަށެވެ.

ޖޭއެސްސީއަށް ގެނައުމަށް ސަރުކާރުން ނިންމަވާފައިވާ މައިގަނޑު ބަދަލަކީ، އެކޮމިޝަންގެ މެންބަރުންގެ ޢަދަދަކީ 7 ކަމުގައި ކަނޑައެޅުމެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މެންބަރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި ނުހިމެނޭ ގޮތަށް ހަމަޖެއްސުމަށް ވަނީ ހުށައަޅާފައެވެ.

ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަކީ އިޖުތިމާޢީ ޢަދުލުވެރިކަމުގެ ދާއިރާއިން އަދުގެ ސަރުކާރުން ވެފައިވާ އެންމެ މުހިންމު އެއް ވަޢުދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން