ޝަރުޢީ ނިޒާމުގައި ތިއްބެވި ގިނަ ބޭފުޅުން ޚިދުމަތް ކުރަށްވަނީ އިޚްލާސްތެރިކަމާއެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖުޑިޝަލް ސާވިސް ކޮމިޝަންގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޝަރުޢީ ދާއިރާ އިސްލާޙު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އޭގެ ނަތީޖާވެސް ފެންނަމުންދާ ކަމަށާއި، މިއަދު ޝަރުޢީ ނިޒާމުގައި ތިއްބެވި ގިނަ ބޭފުޅުން ޚިދުމަތް ކުރަށްވަނީ އިޚްލާސްތެރިކަމާއެކުގައިކަން ޣަފޫރު ފާހަގަ ކުރެއްވިއެވެ.

ޣަފޫރު ވިދާޅުވީ، ޤާނޫނު އަސާސީގައި އޮތީ ރައްޔިތުންގެ މަޖިލީހަށް ޝަރުޢީ ނިޒާމުގެ މައްޗަށް ބާރު ހިންގޭ ގޮތަށް ކަމަށެވެ. އެހެންކަމުން މަޖިލީހުގެ މެންބަރުން ޝަރުޢީ ނިޒާމަށް ފާޑުކިޔަންވީ ޢާއްމުތަންތަނުގައި ނޫން ކަމަށެވެ އަދި މަޖިލީހުގެ ނިޒާމުގެ ތެރެއިން ޝަރުޢީ ދާއިރާ އިސްލާޙުކުރުމަށް މަސައްކަތް ކުރެއްވުމަށް ޣަފޫރު ގޮވާލެއްވިއެވެ.

"އެގޮތްތައް ބޭނުން ނުކޮށް މުތުލަޤަށް ރާއްޖޭގެ ހުރިހާ ފަނޑިޔާރުންނާ ދިމާލަށް ދުލަށް އައިހާ އެއްޗެއް މި މަޖިލީހުގެ ތަޅުމުގައި ގޮވަމުން ދާއިރު އެއީ ވިސްނާލަން ޖެހޭ ކަމެއް." ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރު ވިދާޅުވީ ރާއްޖޭގައި ކަންތައްތައް ހިނގަމުންދަނީ ވަރަށް ދެރަކޮށް ކަމަށާއި އެގޮތުން ސަރުކާރުގައި ތިބޭއިރު ހުރިހާބާރެއް ބޭނުންވާ ކަމަށާއި، ސަރުކާރުގައި ނެތްނަމަ އެބާރުތައް ދޫކޮށްލަން ގޮވާލާ ކަމަށެވެ. އެހެންކަމުން އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރެއްވުމަށް ޣަފޫރު ވަނީ ސިޔާސީ ފަރާތްތަކަށް އިލްތިމާސް ކުރަށްވާފައެވެ.

ޖޭއެސްސީއަށް ގެނައުމަށް ސަރުކާރުން ނިންމަވާފައިވާ މައިގަނޑު ބަދަލަކީ، އެކޮމިޝަންގެ މެންބަރުންގެ ޢަދަދަކީ 7 ކަމުގައި ކަނޑައެޅުމެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މެންބަރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި ނުހިމެނޭ ގޮތަށް ހަމަޖެއްސުމަށް ވަނީ ހުށައަޅާފައެވެ.

ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަކީ އިޖުތިމާޢީ ޢަދުލުވެރިކަމުގެ ދާއިރާއިން އަދުގެ ސަރުކާރުން ވެފައިވާ އެންމެ މުހިންމު އެއް ވަޢުދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން