އެމްޑީޕީން މިއަދު ޖުޑިޝަރީ އިސްލާޙު ކުރާވާހަކަ ދައްކަނީ ހެޔޮ ނިޔަތުގައި ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖުޑިޝަލް ސާވިސް ކޮމިޝަންގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ނިމެމުން މިދާ އެމްޑީޕީގެ ވެރިކަމުގައި ޖުޑީޝަރީ އިސްލާހުކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނެތް ކަމަށެވެ. އަދި މިއަދު ޖޭއެސްސީ އިސްލާޙުކުރާ ވާހަކަ އެމްޑީޕީން ދައްކަނީ ރިޔާސީ އިންތިޚާބުން ބަލިވުމުންކަމަށް އާދަމް ޝަރީފް ތުހުމަތު ކުރެއްވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، މަޖިލީހުގެ ސުޕަރ މެޖޯރިޓީ ފާއިތުވި 5 އަހަރު އޮތީ އެމްޑީޕީއަށް ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުންވެސް އޮތީ ސަރުކާރުން ޖުޑީޝަރީއަށް ނުފޫޒު ފޯރުވުމަށް މަގުފަހިކޮށްދީގެން ކަމަށާއި އެހެންކަމުން ޖުޑިޝަރީ އިސްލާޙު ކުރުމުގެ އިޚްލާސްތެރި ނިޔަތެއް އެމްޑީޕީގައި ނެތްކަން އެނގޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ކަނޑައެޅިގެން ރައްޔިތުންނަށް އޮޅުވާލާ ދޯކާ ދީފައޮތް މައްސަލައެއް. އެއްވެސް އިރަކު އެމްޑީޕީއަކުން ޖުޑިޝަރީ އިސްލާހު ކުރާކަށް މަސައްކަތެއް ނުކުރޭ." އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، އެމްޑީޕީގެ މަޖިލިސް މެންބަރުން މިހާރު ދައްކަވާ ވާހަކަފުޅުތަކަކީ ޖެއްސުންކުރުމުގެ ނިޔަތުގައި ދައްކަވާ ވާހަކަފުޅުތަކެއްކަމަށެވެ. އަދި މަޖިލީހުގެ މަސައްކަތްތައް މަޑުޖެހި މަޖިލީސް ޚަރާބުކުރީ އެމްޑީޕީން ކަމަށާއި، މިހާލަތުގެ ޒިންމާ އެމްޑީޕީން އުފުލަންޖެހޭކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ޖޭއެސްސީއަށް ގެނައުމަށް ސަރުކާރުން ނިންމަވާފައިވާ މައިގަނޑު ބަދަލަކީ، އެކޮމިޝަންގެ މެންބަރުންގެ ޢަދަދަކީ 7 ކަމުގައި ކަނޑައެޅުމެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މެންބަރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި ނުހިމެނޭ ގޮތަށް ހަމަޖެއްސުމަށް ވަނީ ހުށައަޅާފައެވެ.

ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަކީ އިޖުތިމާޢީ ޢަދުލުވެރިކަމުގެ ދާއިރާއިން އަދުގެ ސަރުކާރުން ވެފައިވާ އެންމެ މުހިންމު އެއް ވަޢުދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން