ޖޭއެސްސީއަށް ސިޔާސީ ނުފޫޒު ވަނުމުގެ އެންމެބޮޑު ނާރެހަކީ މަޖިލީހުގެ ރައީސް ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖުޑިޝަލް ސާވިސް ކޮމިޝަންގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ސަރުކާރުން ހުށައަޅާފައިވާގޮތަށް ޖޭއެސްސީއަށާއި ގާނޫނުއަސާސީއަށް އިސްލާހުތައް ގެނައުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ.

އެގޮތުން ޖޭއެސްސީއަށް ސިޔާސީ ނުފޫޒު ވަދެފައިވާކަމަށާއި، އެކަމުގެ އެންމެ ބޮޑު ނާރެހަކީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ހުންނަވާ ހުންނެވުންކަން ޝަރީފް ފާހަގަ ކުރެއްވިއެވެ. އޭގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޖޭއެސްސީގައި އިންނެވުމަކީވެސް ބަދަލުކުރަންޖެހޭ ކަމެއް ކަމަށް މެންބަރު ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިއަދުވެސް ވަނީ މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް އަޅުއްވާކަމަށް ތުހުމަތު ކުރަށްވާފައެވެ. އެގޮތުން ޖޫން މަހުގެ 19 ވަނަ ދުވަހު މަޖިލީހަށް ހުށައެޅުނު ޖޭއެސްސީ އިސްލާޙު ކުރުމުގެ ބިލުގެ ފުރަތަމަ ކިޔުން ސެޕްޓެމްބަރު މަހު އިއްވުމަކީ ރިޔާސަތުގެ އިޚްލާސްތެރިކަމެއް ނެތްކަން ހާމަވާ ކަމެއްކަމަށް ޝަރީފް ވިދާޅުވެފައިވެއެވެ.

މެންބަރު ޝަރީފް މިމޭރުމުން ވިދާޅުވެފައިވާއިރު މީގެ ކުރިން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ޖޭއެސްސީގައި އިންނެވުމަކީ އެ ކޮމިޝަނަށް ލިބޭ އުނިކަމެއް ކަމަށެވެ. ހަމައެއާއެކު ބަންޑާރަ ނައިބާއި، މަޖިލީހުގެ މެމްބަރެއްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާ މެމްބަރަކު ޖޭއެސްސީގައި އިންނެވުމަކީ އިސްލާޙީ މަގަކަށް ވިސްނާއިރު އެންމެ ރަނގަޅުގޮތަށް ނުވެދާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ޖޭއެސްސީއަށް ގެނައުމަށް ސަރުކާރުން ނިންމަވާފައިވާ މައިގަނޑު ބަދަލަކީ، އެކޮމިޝަންގެ މެންބަރުންގެ ޢަދަދަކީ 7 ކަމުގައި ކަނޑައެޅުމެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މެންބަރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި ނުހިމެނޭ ގޮތަށް ހަމަޖެއްސުމަށް ވަނީ ހުށައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން