ބޭރު ޤައުމެއްގެ ސިފައިންގެ އެންމެ މީހަކުވެސް ރާއްޖޭގެ ފަސްގަނޑުގައި ހުރުމަށް ދިވެހިން ނޭދޭ ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ޑރ. މުޢިއްޒު ވިދާޅުވީ ރާއްޖޭގައި ބޭރު ޤައުމަކަށް ނިސްބަތްވާ ސިފައިން ތިބުމަކީ ރާއްޖެއަށް އޮތް ނުރައްކަލެއް ކަމަށާއި އަދި އެއީ ދިވެހިން ބަލައިގަންނަ ކަމެއް ނޫންކަމަށެވެ. އެކަމުގެ ހެއްކަކީ މިދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން މި ސަރުކާރު ބަލައިނުަތުން ކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ވިދާޅުވީ ވެރިކަމުގެ ހުވާކުރައްވާ ފުރަތަަމަ ދުވަހުވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެ ޤައުމަށް ގެންދިއުމަށް އިންޑިއާ ސަރުކާރުގައި އެދިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެއީ އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އެއް އަމާޒުކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. ސަބަބަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދުވެސް ރަނގަޅަށް ސާފުނުވުން ކަމަށް ޑރ. މުޢިއްޒު ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަމަށް ރައީސް ޞާލިޙްވެސް އެއްބަސްވެވަޑައިގެންފައިވާ ކަމަށާއި ނަމަވެސް އެއީ އަސްކަރީ ބޭނުމަށް ތިބި ބައެއް ނޫންކަމަށް ރައީސް ވިދާޅުވާކަން ޑރ. މުޢިއްޒު ފާހަގަކުރެއްވިއެވެ.

“ނަމަވެސް އެއީ ރައްޔިތުންނަށް މުހިއްމު ކަމެއް ނޫން. އެއްވެސް ބޭރު ޤައުމެއްގެ ސިފައިން ރާއްޖޭގެ ފަސްގަނޑުގައި ތިބުމަށް ދިވެހިން ނޭދޭ.” ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ ރާއްޖެއަކީ އަމާން ސުލްޙަވެރި ޤައުމެއް ކަމަށާއި ރާއްޖެއަށް އިހުތިރާމުކުރާ އަދި ރާއްޖޭގެ މަސްލަހަތުތަކަށް އަރައިނުގަންނަ ކޮންމެ ޤައުމަކާއެކު ގާތް ގުޅުމެއް ބާއްވަން އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށެވެ.

ޑރ. މުޢިއްޒު މިމޭރުމުން ވިދާޅުވެފައިވާއިރު، މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީން އެންމެ ބޮޑަށް ދެއްކި އެއް ވާހަކައަކީ އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ތިބޭ ކަމަށް ބުނާ ވާހަކައެވެ. އަދި އެފަރާތްތަކަށް ރާއްޖޭގައި ނުތިބެވޭނެ ކަމަށް ތަކުރާރުކޮށް އެފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވެސް ވަނީ އިންޑިއާއެކު ހަދާފައިވާ އެއްބަސްވުންތައް ބަލައި، ޤައުމީ ސަލާމަތަށް ނުރައްކާވާ ވަރުގެ ކަމެއް އޮތްނަމަ އެކަން ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން