މަސައްކަތްތެރިންގެ ޙައްޤުތައް ރަނގަޅު ގޮތެއްގައި ހިމާޔަތްކޮށްދޭނެ ގާނޫނެއް ނެތުމަކީ ހިތާމައެއް ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ޝަރީފް ވިދާޅުވީ، އިންޑަސްޓްރިއަލް ރިލޭޝަންސް ބިލަކީ ވަޒީފާގެ ސިނާޢަތުތައް ހަރުދަނާ ބިންގަލެއްގެ މައްޗަށް ބިނާކުރުމަށް މުހިންމު ބިލެއްކަމަށެވެ. އެގޮތުން ރާއްޖޭގައި މަސައްކަތްތެރިންގެ ޖަމިއްޔާ ރަނގަޅު ގޮތެއްގައި ހިންގާނެ ގާނޫނެއް ނެތުމަކީ ހިތާމައެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ދިވެހިރާއްޖޭގެ އިންޑަސްޓްރިއަލް މަސައްކަތްކުރާ ފަރާތްތަކާއި، އެކިއެކި އިގްތިސާދީ ހަރަކާތް ހިންގާ ފަރާތްތަކާއި، ހައްގު ހިމާޔަތްކުރުމާއި، އެ ފަރާތްތަކުގެ ވަޒީފާތަކުގައި މަސައްކަތްކުރާ މީހުންނާއި ދޭތެރޭ ގުޅުން އެކަށީގެންވާ ގާނޫނީ ބިންގަލެއްގެ ތެރޭގައި އޮތުމަށްޓަކައި ބޭނުންވާ ގާނޫނެއް ނެތް ކަމަށެވެ. ހަމައެއާއެކު ބިލު ހުށައަޅައި ގިނަ ދުވަސްތަކެއް ވެފައިވާއިރުވެސް ވޯޓަކާއި ހަމައަށް ނުގޮސް މަޖިލީހުގެ ތަޅުމުގައި ތާށިވެފައި އޮތުމަކީ ހިތާމަކުރައްވާކަމަށް ޝަރީފް ވިދާޅުވިއެވެ.

އޭގެ އިތުރުން މަސައްކަތްތެރިންގެ ހައްގުތަކާއި އުޖޫރަ ކަނޑައެޅުމަށާއި މަސައްކަތްތަކުގެ މާހައުލުގައި ލިބޭ ހައްގުތައް ކަށަވަރުކޮށް ރައްކައުތެރިކުރުމަށްޓަކައި ފާސްކުރަންޖެހޭ ގާނޫނުވެސް މިހާތަނަށް އެއްވެސް މަޖިލީހަކުން ފާސްކޮށްފައިނުވާކަން ޝަރީފް ފާހަގަކުރެއްވިއެވެ.

އެހެންކަމުން ސިޔާސީ ތަފާތުވުންތައް އެއްފަރާތް ކުރުމަށްފަހު މިބިލު އަވަހަށް ފާސްކުރުމަށް އެއްބާރުލުން ދެއްވުމަށް ޝަރީފް ވަނީ މަޖިލީހުގެ މެންބަރުންގެ އަރިހުން އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން