މާލޭ ދަފްތަރުގައި ތިބޭ މީހުން މިހާރު ބޭނުންކުރަނީ ފުޅިމަދު އުނގުރިތަކެއް ގޮތަށް ކަމަށާއި، އެކަން ބަދަލުކޮށް ރައްޔިތުންގެ މަޖިލީހުގައި އެމީހުން ތަމްސީލުވާނެގޮތް ހަދަންޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ހުށަހަޅާފައިވާ ބިލުގެ ބަހުސްގައި އަލީ ހުސައިން ވިދާޅުވީ، މާލޭ ދަފްތަރުގައި ތިބޭ ރައްޔިތުންނަކީ ސަރުކާރުތަކުން ބޭނުންވާ މީހަކު އިންތިޚާބު ކުރުމަށް ދާއިރާތަކަށް ފުޓުނި އަޅާލާ ގޮތަށް އަޅާލާ ބައެއްކަމަށާއި ނަމަވެސް އެއީ އިންސާފު ނޫން ކަމަށެވެ. އެހެންކަމުން މާލެ ދަފްތަރު މީހުންނަށް ވަކި ހާއްސަ ގޮނޑިތަކެއް މަޖިލީހުގައި ކަނޑައެޅުމަކީ މުހިއްމު ކަމެއްކަން ޢަލީ ހުސައިން މިއަދު ފާހަގަ ކުރެއްވިއެވެ.

ޢަލީ ޙުސައިން ވިދާޅުވީ، މާލެ ދަފްތަރު ދާއިރާ 1، މާލެ ދަފްތަރު ދާއިރާ 2، މާލެ ދަފްތަރު ދާއިރާ 3، މިފަދަ ގޮތަކަށް ދާއިރާތަކެއް އޮންނަން ޖެހޭ ކަމަށެވެ. އަދި އެއީ ގާނޫނަށް އެއްވެސް ބަދަލެއް ނުގެނެސް އިލެކްޝަންސް ކޮމިޝަނަށް ކުރެވިދާނެ ކަމެއް ކަމަށް ޤާނޫނީ ވަކީލެއްގެ ގޮތުގައިވެސް މަސައްކަތް ކުރަށްވާ ޢަލީ ޙުސައިން ވަނީ ވިދާޅުވެފައެވެ.

"ދަފްތަރުގައި މި ތިބި ރައްޔިތުންނަކީ އޭރެއްގައި އޮންނަ ސަރުކާރަކުން ބޭނުންވާ މީހަކު ހޮވަން ބޭނުންވީމައި ފުޅިމަދު އުނގުރި ޖަހާ ގޮތަށް އަޅައިލަން އޮންނަ ބައެއް." ޢަލީ ޙުސައިން ވިދާޅުވިއެވެ.

ޢަލީ ވިދާޅުވީ މުހިއްމު ކަންކަމާ ޖެހުމުން މާލޭ ދަފްތަރުގައި ތިބޭ ރައްޔިތުނަކީ މާލޭ މީހުންކަމަށް ސަރުކާރުތަކުން ނުދެކޭ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުން އެންމެ ފަހުން ގޯތި ދޫކުރިއިރު ދަފްތަރު މީހުން އެ ސްކީމަށް ޝަރުތު ފުރިހަމަ ނުވިކަމަށް ޢަލީ ވަނީ ވިދާޅުވެފައެވެ.

މެންބަރު އިލްޔާސް ހުށަހަޅާފައިވާ ބިލުގައި އިންތިހާބީ 55 ދާއިރާއެއް މަޖިލީހުގައި ތަމްސީލުކުރުމަށް ވަނީ ހުށައަޅުއްވާފައެވެ. އޭގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލު ކުރާނެ ދެ މެމްބަރުންނާއި، ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތުން ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކުން އައްޔަނުކުރާ 11 މެމްބަރުން ތިބޭނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.

އަންނަ އަހަރު ބާއްވާ މަޖިލީހުގެ އިންތިހާބަށް ކޮމިޝަނުން ކަނޑައަޅާފައިވާ އިންތިހާބީ ދާއިރާތަކުގެ ވަގުތީ ރިޕޯޓުގައިވާ ގޮތުން ދަފްތަރު ރަޖިސްޓްރީގައިވާ 9،653 މީހުނަށް ވޯޓު ލެވެއެވެ. އެއީ އިންތިޚާބީ ދެ ދާއިރާ އުފެއްދޭނެ ޢަދަދެކެވެ. އަދި މާލޭގައި 17 ދާއިރާއެއް ހިމެނޭއިރު ދަފްތަރު މީހުން ހިމަނާފައިވަނީ ހުޅުމާލެ ދެކުނު ދާއިރާ، ހުޅުމާޅެ އުތުރު ދާއިރާ، ވިލިމާލެ ދާއިރާ، މައްޗަންގޯޅި އުތުރު ދާއިރާ، އަދި މާފަންނު ދެކުނު ދާއިރާގަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބަވަނީ 87 މެންބަރުންނެވެ. އެއީ 2019 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައި ދެ ގޮނޑި އިތުރުކުރި ފަހުންނެވެ. އަދި އަންނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ހަ ދާއިރާއެއް އިތުރުވެ ދެން މަޖިލީހުގައި ތިއްބަވާނީ 93 މެންބަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން