އިސްލާމީ އުންމަތުގެ ހާލަތު މިއަދު އޮތް ހިސާބާމެދު ހިތާމަކުރަންޖެހޭ ކަމަށް ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

އިމްރާން މިމޭރުމުން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަން އިސްލާމީ މަރުކަޒުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުނެވެ. އިމްރާން ވިދާޅުވީ އިސްލާމީ އުންމަތް ބަލިކަށިވެ ނިކަމެތިވެފައިވާ ޙާލަތާއިމެދު ކޮންމެ މުސްލިމަކުވެސް މިއަދު ހިތާމަކުރަންޖެހޭކަމަށެވެ.

ރޭގެ ޖަލްސާގައި އިމްރާން ވިދާޅުވީ، މާތްވެގެންވާ އިސްލާމްދީނަކީ ދިވެހި ޤައުމީ ބިނާގެ އެންމެ މައިތަނބުކަން ދެނެ އެބިނާ ސާބިތުކުރުމަށް އެންމެންވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އިމްރާން ވިދާޅުވީ މުސްލިމުންގެ ތެރެއިން ބަޔަކު ދީނާއި ދުރަށް ދިޔަސް ދީނުގެ އަސްލު ބެލުމަށް ބޭނުންވާ ކޮންމެ މީހަކަށް އެ ދީނުގެ އަސްލަށް ރުޖޫޢުވުމަކީ ވަރަށް ފަސޭހަކަމެއް ކަމަށެވެ. އަދި އިސްލާމްދީން އަންނަން އޮތް ޖީލުތަކާއި ހަމައަށް ކާމިޔާބު ކަމާއެކު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަންޖެހޭކަން އިމްރާން ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު މިއަދުގެ ޒުވާނުންނަށް އިސްލާމްދީނުގައި އަންގަވާފައިވާގޮތަށް އުޅުމަކީ ވަރަށް ބުރަ މަސައްކަތެއްގެ ގޮތުގައި ފާހަގަވެފައިވީ ނަމަވެސް ކީރިތި ޤްރުޢާނާއި ރަސޫލާގެ ސުންނަތުގައި ހިފައިފިމީހާއަށް އެއީ ފަސޭހަކަމަކަށްވެގެންދާނެކަމަށް އިމްރާން ވިދާޅުވިއެވެ.

ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުގެ ސަޙްޔޫނީން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާމެދު ކަންބޮޑުވުން ފާޅުކުރަށްވަމުން އިމްރާން ވިދާޅުވީ އަގްޣާނިސްތާނަށް އެއް އަހަރުގެ ތެރޭގައި އެޅި ބޮން، އެންމެ ހަ ދުވަސް ތެރޭގައި އިޒްރޭލުން ފަލަސްތީނަށް އަޅާފައިވާ ކަމަށެވެ.

އަދި މިހާރު ކުރިއަށްދާ ހަނގުރާމައިގައި ފަލަސްތީނުގެ 3،000 އެއްހާ މީހުން ޝަހީދުވެފައިވާކަން ފާހަގަކުރައްވަމުން އިމްރާން ވިދާޅުވީ، އަނިޔާ ލިބެމުންދާ މުސްލިމު ރައްޔިތުން ހިމާޔަތްކޮށްދެއްވުމަށް އެދި މާތްﷲ ގެ ޙަޟްރަތުގައި ދުޢާކުރުން ގިނަކުރަންޖެހޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން