އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އައުން ހުއްޓުވައިދިނުމަށް މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް މަޖިލީހުގެ ރައީސްގެ އަރިހުން އެދިވަޑައިގެންފިއެވެ.

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އެޑްރެސް ކުރަށްވައި މެންބަރު ހައިތަމް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ، އިޒްރޭލުން 1948 ވަނަ އަހަރުން ފެށިގެން ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ އަމަލުތައް ހިންގަމުން ގެންދާ ކަމަށެވެ. އަދި އެފަދަ ގައުމެއްގެ ޕާސްޕޯޓުގައި ޗުއްޓީ ހޭދަކުރުމުގެ ނަމުގައި ރާއްޖެއަށް އެތެރެވެވުމަކީ އިންތިހާއަށް ކަންބޮޑުވެ ބިރުގަންނަންޖެހޭ ކަމެއްކަން ހައިތަމް ވަނީ ފާހަގަ ކުރަށްވާފައެވެ.

ހައިތަމް ވިދާޅުވީ، އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ ގިނަޢަދަދެއްގެ ތުއްތު ކުދިންނާއި އާންމު ރައްޔިތުން ޝަހީދު ވެފައިވާއިރު ބައެއް މީހުން ވަނީ އުމުރު ދުވަހަށް ރެފިއުޖީންނަށް ބަދަލުވެފައިވާ ކަމަށެވެ. ހަމައެހެންމެ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ލާއިންސާނީ ކަންކަމަކީ އިންސާނީ ހައްގުތަކާ ދެކޮޅު ކަންކަން ކަމަށް ހައިތަމް ވިދާޅުވެފައިވެއެވެ.

އެހެންކަމުން އިޒްރޭލުގެ ޕާސްޕޯޓާއި އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އައުން މިހާރުން މިހާރަށް ހުއްޓުވުމަށް ހައިތަމް ވަނީ ރާއްޖޭގެ އެންމެހާ މުއައްސަސާތަކަށް ގޮވާލައްވާފައެވެ. ހަމައެއާއެކު އެކަން މަޖިލީހުގެ ޚަރިޖީ ގުޅުންތަކުގެ ކޮމިޓީން ބައްލަވައި ދެއްވުމަށްވެސް ހައިތަމްގެ ސިޓީގައި އެދިލައްވާފައިވެއެވެ.

މެންބަރު ހައިތަމް މިފަދަ ސިޓީއެއް ފޮނުއްވާފައިވާއިރު، އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން އިޒްރޭލުގެ ޕާސްޕޯޓުގައި ދުނިޔޭގެ 13 ޤައުމަކަށް އެތެރެވުން އެޤައުމުތަކުގެ ސަރުކާރުތަކުންވަނީ މަނާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން