ކޮންޓްރެކްޓް އުސޫލުން ދަޢުލަތުގެ މަސައްކަތްތައް ކުރާ ކުންފުނިތަކަށް ބިލުގައިވާ މުއްދަތުގައި ފައިސާ ނުދޭނަމަ ދައުލަތްވެސް ޖޫރިމަނާ ކުރެވެންޖެހޭނެ ކަމަށް ކުޑަހުވަދޫ ދާއިރާގެ މަޖިލީސް މެންބަރު އަޙްމަދު އާމިރު މިއަދު ވިދާޅުވެއްޖެއެވެ.

ފެނަކައިން ކުދި ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާ ދެއްކޭނެ އިންތިޒާމުތަކެއް ތަރުތީބުކޮށް، ފައިސާ ދެއްކުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ހުށަހަޅުއްވާފައިވާ ޤަރާރުގެ ބަހުސްގައި އާމިރު ވިދާޅުވީ، ދައުލަތުންވެސް މަސައްކަތްކުރަންޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

އާމިރު ވިދާޅުވީ، ފެނަކައިގެ މަސައްކަތްތައް ކުރަމުންދާ ކޮންޓްރެކްޓަރުންނަށް ފައިސާ ނުދޭކަމުގެ ޝަކުވާއަކީ ވަރަށް ބޮޑަށް ކަންބޮޑުވުމެއް ކަމަށެވެ. އަދި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފައިސާ ހޯދައިގެން ނަމަވެސް ފެނަކައިން އާންމު ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ދެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް އާމިރު ވިދާޅުވިއެވެ.

ހަމައެއާއެކު ފެނަކައަކީ ރައްޔިތުންނަށް އަސާސީ ހިދުމަތެއް ފޯރުކޮށްދޭ ކުންފުންޏެއް ކަމަށާއި، ލޯނެއް ނަގައިގެންވެސް ކުންފުނިން އާއްމު ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާތައް ދައްކައި ހަލާސްކުރަންޖެހޭކަން އާމިރު ފާހަގަ ކުރެއްވިއެވެ.

"ގާނޫނެއް އެބަ ހަދަންޖެހޭ ދައުލަތުގެ ކުންފުނިތަކުން އަމިއްލަ ވިޔަފާރިތައް ހިންގާ ފަރާތްތަކަށް ދޭންވާ ފައިސާ ނުދޭނަމަ ދައުލަތްވެސް ޖޫރިމަނާ ކުރެވެންޖެހޭނެ ކަމަށް." މިއަދުގެ ޖަލްސާގައި އާމިރުވަނީ ވިދާޅުވެފައެވެ.

ފެނަކައިގެ ދަރަނީގެ މައްސަލަ މަޖިލީހުގެ ސަމާލުކަމަށް އައިސްފައިވާއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ މުވައްޒަފުން ގިނައީ ފެނަކައިގައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރާ ހަމަޔަށް އެކުންފުނީގައި 7،379 މުވައްޒަފުން އެބަ ތިއްބެވެ.

ފެނަކަ ކޯޕަރޭޝަނުން އެކި ޕްރޮޖެކްޓްތަކަށް ނުލިބި 300 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އެބަ ހުރި ކަމަށް މިދިޔަ މަހުގެ ތެރޭގައި ކޮންޓްރެކްޓަރުންތަކެއް ވަނީ ބުނެފަ އެވެ.

ދާދިފަހުން 19 ކޮންޓްރެކްޓަރަކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ ފެނަކައިން ފައިސާ ނުލިބޭ ކުންފުނިތަކުގެ ޢަދަދު 100 އަށްވުރެ ގިނަވާނެ ކަމަށާއި، ބިލުތަކަށް ފައިސާ ނުދައްކާތާ 500 ދުވަހާއި 300 ދުވަސް ވެފައިވާ ކަމަށެވެ. ހަމައެއާއެކު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އާންމުކޮށްފައިވާ ކުންފުނިތަކުގެ މާލީ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ފެނަކައިން އެކި ފަރާތްތަކަށް ދައްކަން ހުރި ދަރަނި 2.22 ބިލިއަން ރުފިޔާއަށް އަރައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން