ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީވާން އެމަނިކުފާނަށް 30 މިނެޓުގެ ފުރުސަތެއް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފި އެވެ.

މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ 48 މެންބަރުންގެ ސޮޔާއެކުއެވެ.

މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވީ އިތުބާރުނެތްކަމުގެ މައްސަލައިގެ ޖުމްލަ ބަހުސަށް ދެގަޑިއިރު ކަނޑައެޅުމަށެވެ. އަދި ބަހުސް ފެށުމާއި ނިންމުން އަދި މެދުތެރެއިން 10 މިނަޓުގެ ތިން ފުރުސަތު، މައްސަލަ ރައްދުވާ މަޖިލީހުގެ ރައީސަށް ޖަވާބުދާރީ ވެވަޑައިގަންނަވަން އެރުވުމަށް ޝާހިދު ހުށައެޅުއްވިއެވެ.

އޭގެ އިތުރުން ބަހުސްގެ ބާކީ އޮތް ދޮޅު ގަޑިއިރުގައި ކޮންމެ މެންބަރަކަށްވެސް ލިބޭނީ ތިން މިނެޓުގެ އެއް ފުރުސަތުކަމަށް ޝާހިދު ހުށައެޅުއްވިއެވެ.

އެ ހުށަހެޅުން ފާސްކުރީ ކޮމިޓީ ބައްދަލުވުމުގައި ތިއްބެވި ހަ މެންބަރުންގެ ތެރެއިން ހަތަރު މެންބަރެއްގެ ތާއީދާއެކު އެވެ. ހުށަހެޅުމާ ދެކޮޅަށް ވޯޓު ދެއްވީ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.

އެމްޑީޕީން ވަނީ މިދިޔަ ޖޫންމަހުވެސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނަޝީދުގެ ތާއީދު ހޯދުމަށް އެމްޑީޕީން މަސައްކަތްކުރި ދަނޑިވަޅުގައި މި މައްސަލަ ވަނީ އަނބުރާ ގެންގޮސްފައެވެ.

އެމްޑީޕީން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅީ އެމްޑިޕީއަށް މަޖިލީހުގެ ރިޔާސަތު ހޯދުމަށްކަމަށް އެ ޕާޓީން ބުނެއެވެ. އެމްޑީޕީ ޓިކެޓްގައި މަޖިލިހަށް އިންތިހާބުވެވަޑައިގެން، މަޖިލީހުގެ ރިޔާސަތަށް ވަޑައިގެންނެވި ރައީސް ނަޝީދު ވަނީ ޕާޓީގެ ތެރޭގައި އުފެދުނު ހިތްހަމަނުޖެހުންތަކަށްފަހު ޕާޓީން ވަކިވެ، ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ޕާޓީއެއް އުފައްދާފައެވެ.

ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ވާއިރު، ހުރިހާ މެމްބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމަ ރައީސް ނަޝީދު މަގާމުން ދުރުކުރަން 44 ވޯޓު ބޭނުންވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން